ކ. ކުޑަގިރި ފަޅުގައި ތަރައްގީކުރަމުންދާ ޕިކްނިކް އައިލެންޑް މިއަހަރުގެ ތެރޭގައި ހުޅުވުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ކުޑަގިރި މި އަހަރުގެ ތެރޭގައި ހުޅުވިގެންދާނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ.
މިއުވާން ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމްވެސް ގެންދަވަނީ ކުޑަގިރީގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ވަރަށް ގާތުން ބައްލަވަމުން ކަމަށެވެ.
ސަރުކާރުން ކުރިން މަސައްކަތްކުރީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ކުޑަގިރި ހުޅުވުމަށެވެ.
ޕްލޭނިން މިނިސްޓްރީން ހާމަކުރި ގޮތުގައި ކުޑަގިރި ހުޅުވުން ފަސްކުރީ އެ ރަށް ފެހިކުރުމުގެ މަސައްކަތާއި ރަށުގައި ވަސީލަތްތައް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތައް މުޅިން ނިމިފައި ނުވާތީ އެވެ.
ކުޑަގިރި ފަޅު ހިއްކާ އެ ފަޅުގައި ޕިކްނިކް އައިލެންޑު ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓސީސީއާ ހަވާލުކުރީ މިދިޔަ އަހަރު އެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރީ 41.4 މިލިއަން ރުފިޔާ އަށެވެ. ކުޑަގިރިފަޅުން އަށް ހެކްޓަރުގެ ބިން ހިއްކާ 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އަޅާފައިވެ އެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.