ޕިކްނިކް އައިލެންޑް

ކުޑަގިރި ހުޅުވުން ފަސްކޮށްފި

Jul 25, 2022
2

ކ. ކުޑަގިރި ފަޅުގައި ތަރައްގީކުރަމުންދާ ޕިކްނިކް އައިލެންޑް ހުޅުވުން ފަސްކޮށްފި އެވެ.

ކުޑަގިރި ހުޅުވުމަށް ސަރުކާރުން ކުރިން މަސައްކަތް ކުރާ މާދަމާ ފާހަގަކުރާ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ކުޑަގިރި ހުޅުވުން ފަސްކުރީ އެ ރަށް ފެހިކުރުމުގެ މަސައްކަތާއި ރަށުގައި ވަސީލަތްތައް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތައް އަދި މުޅިން ނިމިފައި ނުވާތީ ކަމަށެވެ.

ކުޑަގިރި ހުޅުވުން ފަސްކުރި ނަމަވެސް ވަކި ތާރީހެއް ޕްލޭނިން މިނިސްޓްރީ ބުނެފައެއް ނުވެ އެވެ.

ކުޑަގިރީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް މިދިޔަ މަހުގެ 16 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ. ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޕިކްނިކް އައިލެންޑްގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލައްވައި މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި އަދި މިހާރު ހިނގަމުންދާ މަސައްކަތްތަކާއި އިތުރަށް ކުރަން ހުރި ކަންކަން އޮޅުންފިލުއްވާފަ އެވެ. އަދި ނައިބް ރައީސް ފައިސަލް ނަސީމު ގެންދަވަނީ ގަވައިދުން އެ ރަށަށް ވަޑައިގެން ކުރެވެމުންދާ މަސައްކަތްތައް ވަރަށް ގާތުން ބައްލަވަމުންނެވެ.

ޕިކްނިކް އައިލެންޑަށް ކަރަންޓް ދިނުމަށް ސްޓެލްކޯ އިން އެރަށުގައި ކަރަންޓް ކޭބަލް އަޅާ ރަށް މިހާރު ދިއްލަން ފަށާފައިވާއިރު އެރަށުގެ އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ފެނަކަ އަށެވެ. އަދި އެރަށުގައި މިހާރު މިސްކިތެއް ބިނާކުރަމުންދާއިރު ދަތުރު ގޮސް އާންމު ތިބުމަށް އެކޮމަޑޭޝަން އިމާރާތްތަކަކާއި ފާހާނާ ފަދަ އަސާސީ ހިދުމަތްތައް ލިބޭނެ އިންތިޒާމުވެސް މިހާރު ދަނީ ހަމަޖައްސަމުންނެވެ. އަދި ޖެޓީގެ މަސައްކަތް ވެސް މިހާރު ވަނީ ނިމުމަކާ ހަމައަށް ގޮސްފަ އެވެ.

ކުޑަގިރި ފަޅު ހިއްކާ އެ ފަޅުގައި ޕިކްނިކް އައިލެންޑު ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓސީސީއާ ހަވާލުކުރީ މިދިޔަ އަހަރު އެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރީ 41.4 މިލިއަން ރުފިޔާ އަށެވެ. އެރަށުގައި އަށް ހެކްޓަރުގެ ބިން ހިއްކާ 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އަޅާފައިވެ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.