ގަން އިންޓަނޭޝަނަލް އެއާޕޯޓް

ގަން އެއާޕޯޓްގައި ދިވެހި އުފެއްދުންތަކުގެ ފިހާރައެއް ހުޅުވަނީ

Feb 26, 2022

އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ދިވެހި އުފެއްދުންތައް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިވެހި އުފެއްދުންތައް ބެހެއްޓުމަށް ހަމަޖައްސާފައިވަނީ ގަން އެއާޕޯޓްގެ ޑިޕާޗާ ޓާމިނަލްގައި ގާއިމުކުރާ އޮތެންޓިކް މޯލްޑިވްސް ފިހާރައިގަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ލިމިޓެޑުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ގަން އެއާޕޯޓްގައި ހުޅުވުމަށް ހަމަޖެހިފައިވާ ފިހާރައިގައި ތަކެތި ވިއްކަން ބެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މިފުރުސަތަކީ ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީ ވިޔަފާރިތަކާ ގުޅޭ ސިޔާސަތުގެ ދަށުން ކޮށްދޭ ކަމެކެވެ. އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަގުސަދުގައި އެ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމުކޮށްދޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

އެއާޕޯޓްގައި ތަކެތި ބެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިން ކަމާ ގުޅޭ ލިޔުންތައް ބީސީސީ އަށް ހުށަހަޅަންޖެހެ އެވެ. އީމެއިލް ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައިވެ އެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ވެސް ހުޅުވާފައިވެ އެވެ.

ގަން އެއާޕޯޓްގައި އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުވަން ތައްޔާރުވަމުން މިދަނީ ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމުގައިވާ މަންތާ އެއާލައިނާއި ސްރީލަންކަން އެއާލައިންގެ ދަތުރުތައް އައްޑޫ އަށް ފެށުމާ ގުޅިގެންނެވެ.