އޮމްބަޑްސްޕާސްންސްގެ އޮފީސް

އިންތިގާލީ އިންސާފުގެ އޮފީހުގައި އިންޓާންޝިޕް ފުރުސަތު

Feb 26, 2022

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގައި އިންޓާންޝިޕް ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.

އެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޖެނުއަރީ ހަވަނަ ދުވަހު އެވެ. އެކަމަކު ހުށަހަޅާފައވާ އެޕްލިކޭޝަންގެ އަދަދު އެކަށީގެންވާ މިންވަރަށް ވުރެ މަދުވުމުން ކުރީގެ އިއުލާން ބާތިލްކޮށް އަދި ކުރީގެ ބައެއް ޝަރުތުތައް އިސްލާހުކޮށް އަލުން ފުުރުސަތު ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ހަމަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަށް ހޮވަނީ ހަތަރު މީހުންނެވެ. މި ޕްރޮގްރާމަށް ކުރިމަތިލެވެނީ 18 އަހަރު ފުރި 55 އަހަރު ފުރިފައި ނުވާ މީހުންގެ ތެރެއިން އޯލެވަލް އިނގިރޭސި ހިމެނޭހެން ތިން މާއްދާއިން ދަށްވެގެން "ސީ" ފާސް އަދި ސާނަވީ "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވާ މީހުންނަށެވެ.

މައިގަނޑު މަސައްކަތް

  • ބަލަމުންދާ މައްސަލަތަކާ ގުޅޭ ލިޔުންތައް ބެލެހެއްޓުމާއި، ތަހުގީގުތަކާ ގުޅޭ ލިޔުންތައް ލިޔެ އެކި ފަރާތްތަކަށް ފޮނުވުމާއި، ތަހުގީގަށް ހާޒިރުވާ ފަރާތްތަކުގެ ބަޔާންތައް ލިޔުމާއި އެކަމާ ގުޅުންހުރި މަސައްކަތްކުރުން.
  • ތަހުގީގު ކުރާ މައްސަލަތަކުގެ އިދާރީ މަސައްކަތްކުރުން.
  • އިދާރީގޮތުން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުން.
  • ހަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

އިންޓާންޝިޕަށް ހޮވޭ މީހުން ސަރުކާރުގެ ރަސްމީ ގަޑީގައި މަސައްކަތް ކުރާ ކޮންމެ ދުވަހު 300 ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ.

އިންޓާންޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ތިންވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ކަމާ ގުޅޭ ލިޔުންތައް އީމެއިލް ކުރަން ވަނީ އަންގާފަ އެވެ.

އިންޓާންޝިޕް ފުރިހަމަ ކުރާ މީހުންގެ ތެރެއިން ރަނގަޅަށް މަސައްކަތް ކުރާ ފެންވަރު ރަނގަޅު މީހުންނަށް އެ އޮފީހުން ހުޅުވާލާ ވަޒީފާގެ ފުރުސަތުތަކުގައި ވަޒީފާ އަށް މީހުން ނަގާއިރު އިސްކަން ދިނުމަށް އިންތިގާލީ އޮފީހުން ވަނީ ނިންމާފަ އެވެ.