ދުނިޔެ

ރަޝިއާގެ ވައިގެ ސަރަހައްދު ބައެއް ގައުމުތަކަށް ބަންދު

ރަޝިއާ ފްލައިޓްތަކަށް އިނގިރޭސިވިލާތުގެ ވައިގެ ސަރަހައްދު އޮތީ ބަންދުކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ ފްލައިޓްތަކަށް ރަޝިއާގެ ވައިގެ ސަރަހައްދު ބަންދުކުރީ އިގިރޭސީންގެ އަމަލުތަކަށް ބަދަލުހިވުމުގެ ގޮތުންނެވެ.

ރަޝިއާގެ އަސްކަރީ ބާރުތަކުން ޔުކްރޭނަށް އަރައިގަތް މައްސަލާގައި މުޅި ދުނިޔެ އޮތީ ރަޝިއާއާ ދެކޮޅަށެވެ.

ކޮންމެ ގައުމަކުން ވެސް ބަލަނީ އެބަޔަކަށް ވީވަރަކުން ރަޝިއާއަށް ދަތިކޮށް އެކަހެރި ކުރެވޭތޯ އެވެ.

ޔޫރަޕްގެ ގައުމުތަކުން ރަޝިއާ ދެކެ އަރައިގެންފައި އޮތް ރުޅީގައި ގައުމުތަކުން ގެންދަނީ ރަޝިއާ ފްލައިޓްތަކަށް ވައިގެ ސަރަހައްދު ބަންދުކުރަމުންނެވެ.

ރަޝިއާ ވެސް މިމޭރުމުން އަމަލުކޮށް ރޮމޭނިއާ، ބަލްގޭރިއާ، ޕޮލޭންޑް އަދި ޗެކް ރިޕަބްލިކްގެ ފްލައިޓްތަކަށް ރަޝިއާ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ.

އޭގެ އިތުރުން ލިތުއޭނިއާ، ލެޓްވިއާ، އެސްޓޯނިއާ އަދި ސްލޮވީނިއާ ފްލައިޓްތަކަށް ވެސް ރަޝިއާގެ ވައިގެ ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފަ އެވެ.

ގައުމުތަކުން ރަޝިއާއަށް ދަތިކުރަން ފިޔަވަޅު އެޅި ނަމަވެސް، ދަތިކުރުންތަކުން ވޭންއަޅާނީ ހަމައެކަނި ރަޝިއާގައެއް ނޫނެވެ. އިސްވެ ދަތިކުރަން ފަށާ ގައުމުތަކަށްވެސް އިގުތިސޯދީ ގޮތުންނާއި ސިޔާސީ ގޮތުން ބޮޑެތި ގެއްލުންތައް ލިބޭނެ އެވެ.