އެމެރިކާ ގޮތްދޫނުކޮށް ނޭޓޯ ފުޅާކުރަން ކުރާ މަސައްކަތްތަކުން ފަނާކުރަނިވި ނަތީޖާ ނުކުންނަ ތަން ދުނިޔެ އިން ފެންނަމުންދާ ކަމަށް ކިއުބާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ރަޝިއާގެ އެހާ ގާތަށް ނޭޓޯ ފުޅާނުކުރަން ރަޝިއަން ފެޑެރޭޝަނުން އެދިއެދި އޮއްވައި، ރަޝިއާގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް ވަރަކަށް ވިސްނާނުލައި ގަދަދެއްކުމުން ހުރިހާ ދެރައް ލިބުނީ ޔުކްރޭންގެ ރައްޔިތުންނަށް ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ކިއުބާ ދެކޭ ގޮތުގައި ޔުކްރޭނަށް ދީފައި އެ އޮތީ ބޮޑު ލަނޑެކެވެ. އެއީ ބުއްދި އިސްކުރިނަމަ އެއްގޮތަކަށް ވެސް ދުނިޔެ ނުދެކޭނެ ހާލަތެއް ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ރަޝިއާގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެދި އެމެރިކާއަށާއި ޔޫރަޕިއަން ޔޫނިއަނަށް ހުށަހެޅި ޕްރޮޕޯސަލް ބަލައިގަތުމަށް ކިއުބާ އޮތީ އެދިފަ އެވެ. މައްސަލަތައް މާބޮޑުވެގެން މިއުޅެނީ ރަޝިއާ ހުށަހެޅި ހުށަހެޅުމަށް އެމެރިކާ އިން އެދެވޭ ޖަވާބެއް ނުދިނުމުންނެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން ޔުކްރޭންގައި ރަޝިއާގެ އަސްކަރިއްޔާ އިން އަދި ހަނގުރާމައެއް ނުކުރެ އެވެ.
ޔުކްރޭންގައި މިހާރު އެ ހިންގަނީ ބޮޑު ހަނގުރާމައަކަށް ފުރުސަތު ނުދިނުމަށް ހިންގަން ޖެހިފައި އޮތް އޮޕަރޭޝަނެއް ކަމަށް ރަޝިއާ އިން ބުނެ އެވެ.