ވިލާ ގޭސް

ވިލާ ގޭހުން ހިޔާގެ މެއިންޓަނެންސް ފީ ލިބޭ ލަކީ ޑްރޯއެއް

ވިލާ ގޭހަށް އޯޑަރުކޮށްގެން ހިޔާ ފްލެޓްގެ ހަމަސް ދުވަހުގެ މެއިންޓެނަންސް ފީ، ލިބޭ ލަކީ ޑްރޯއެއް އަނެއްކާ ވެސް ފަށައިފި އެވެ. ޕްރޮމޯޝަންގެ ރަޖިސްޓްރޭޝަން ވެސް ދަނީ ކުރިއަށެވެ.

ވިލާ ހަކަތައިން މިއަދު ބުނީ ވިލާ ގޭސް ހިޔާރުކޮށްގެން ހިޔާގެ މެއިންޓެނަންސް ފީގެ ގޮތުގައި 6،000 ރުފިޔާ ހޯދުމަށް ލަކީ ޑްރޯއެއް ފަށައިފައިވާ ކަމަށެވެ. މިދިޔަ އަހަރުވެސް ވިލާ ގޭހުން ވަނީ މި ލަކީ ޑްރޯ ކުރިއަށް ގެންގޮސްފަ އެވެ.

ވިލާ ގޭހުން އިއްޔެ ހަވީރު ވަނީ ލަކީ ޑްރޯއާ ގުޅިގެން ރޯޑްޝޯއެއް ވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންގޮސްފަ އެވެ.

ލަކީ ޑްރޯގެ ދަށުން ކޮންމެ ހަ މަހަކުން ހަމަސް ދުވަހުގެ މެއިންޓެންސް ފީ ލިބޭނެ އެވެ.

ލަކީ ޑްރޯގައި ބައިވެރިވާ މީހުންގެ ތެރެއިން ކޮންމެ ހަ މަހަކުން ހޮވާނީ ޓަވަރަކުން މީހެކެވެ. އަދި ކޮންމެ ރީފިލް އަކަށް 200 ރުފިޔާ ވެސް ލިބޭނެ އެވެ.

ވިލާ ހަކަތަ އިން ބުނީ ލަކީ ޑްރޯގައި ބައިވެރިވެގެން ގޭސް ފުޅިވެސް ހިލޭ ލިބޭނެ ކަމަށެވެ. ލަކީ ޑްރޯގައި ބައިވެރިވެވޭނީ މަދުވެގެން ހަމަސް ދުވަސް ވަންދެން ގޭސް އޯޑަރުކުރަމުން އަންނަ މީހުންނަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެކަމަށް ހާއްސަ ފޯމެއް ފުރައިގެންނެވެ.

ވިލާ ހަކަތައިގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިލާ ހަކަތައިގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ކަސްޓަމަރުންނަށް އެހީތެރިކަން ފޯރު ކޮށް ދޭނެ ގޮތް ބެލުން ހިމެނޭ ކަމަށެވެ.