ފޮރިން މިނިސްޓްރީ

މިވަގުތު ޔުކްރޭންގައި ތިބީ 12 ދިވެހިން

ޔުކްރޭންގައި 12 ދިވެހިން އަދިވެސް އެބަތިބި ކަމަށާ އެ މީހުން ޔޫކްރެއިންގެ ހުޅަނގަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ހުމެއިދު ވިދާޅުވީ ފޮރިން މިނިސްޓްރީ އަށް އެންމެ ފަހުން މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫކްރޭގައި 12 ދިވެއްސަކު އަދިވެސް އެބަ ތިބި ކަމަށެވެ.

ހަނގުރާމައިގެ ހާލަތު އެންމެ ގޯސް ޔޫކްރޭންގެ ހަރްކީވްގައި އަށް ދިވެހިން އަދިވެސް އެބަތިބި ކަމަށާއި ކިއެވްގައި ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔޫކްރޭން އަންހެނަކާއި އެމީހުންގެ ދެކުދިން ތިބި ކަމުގެ މައުލޫމާތު ވެސް ރޭގައި ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ނިޕްރޯގައި އެއް ދަރިވަރަކު ހުރި ކަމަށެވެ.

އެ މީހުން ޔުކްރެއިންގެ ހުޅަނގަށް، ހަންގޭރީ ބޯޑަރު ކައިރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެއީ ވަރަށް ދުރު ހިސާބެއް ކަމުން އަދި ހާލަތު އޮތް ގޮތުން އެކަމުގައި ދަތިތަކެއް އެބަހުރި ކަމަށްވެސް ވިދާޅުވި އެވެ.

"އެމީހުން ބޯޑަރު ކައިރިއަށް ގެންދެވޭނެ ދުވަހެއް ބުނަން އަދި ހަމަ ދަތި،" ހުމެއިދު ވިދާޅުވި އެވެ.

ޔުކްރޭންގެ އިވަނޯ-ފްރެންކިވްސްކް އަށް ގެންދިޔަ 15 ދިވެހިން މި ވަގުތު ތިބީ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގައި ކަމަށާއި އެ ކުދިން މިއަދު ރާއްޖެ އަންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

އިވަނޯ-ފްރެންކިވްސްކްގައި ކިޔަވަން ތިބި ދަރިވަރުންނަށް ކުރިން ނުފުރުނީ އެ ދަރިވަރުންގެ ކްލާސްތައް، އޮންލައިން ކްލާސްތަކަކަށް ޔުނިވާސިޓީން ބަދަލުކުރިތާ މާގިނަ އިރުތަކެއް ނުވެ އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެންނެވެ.

ރަޝިޔާ އަދި ބެލަރުސްގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ރަނގަޅު ކަމަށާއި އެ ކުދިންނަށް ސަރުކާރުގެ ފަރާތުން އެހީ ފޯރުކޮށްދެމުންދާ ކަމަށް ވެސް ހުމެއިދު ވިދާޅުވި އެވެ.