އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް އައްޔަންކުރެއްވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފޮނުއްވާފައިވާ ނަންތަކުގެ މައްސަލަ ރައްޔިތުންގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
އޭސީސީއަށް މެންބަރުން އައްޔަންކުރުމަށް ރައީސް ސޯލިހް މަޖިލީހަށް ނަންތަކެއް ފޮނުއްވީ މިމަހުގެ 23 ވަނަ ދުވަހު އެވެ.
މަޖިލީހަށް ނަންތައް ފޮނުއްވީ ގާނޫނުގައި އެކަން ކުރަން ބުނެފައިވާ މުއްދަތުގެ ފަހުންނެވެ. އޭސީސީގެ ގާނޫނުގައި އެ ކޮމިޝަންގެ މެންބަރަކު އިސްތިއުފާ ދެއްވައިފިނަމަ އެ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މީހަކު އައްޔަންކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.
މަޖިލީހުގެ ތަޅުމަށް މާދަމާ ނަންތައް ހުށަހެޅުމާ އެކު އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ދާއިމީ ކޮމިޓީ އަކަށް ފޮނުވާނެ އެވެ. އޭސީސީއަކީ މިނިވަން މުއައްސަސާ އަކަށް ވާތީ އެ މައްސަލަ ފޮނުވާނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ކަމަށް ބެލެވެ އެވެ.
އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވުމުން އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ފުރުސަތު ހަމަވުމުން ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތާ އެކު ޖުމްލަ 34 ބޭފުޅަކު އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި ކަމަށް ރައީސް އޮފީހުގެ އޮފިޝަލަކު ކުރިން ވިދާޅުވެފައިވެ އެވެ.
އޭސީސީގެ މެންބަރުންގެ ގޮތުގައި އެންމެ ފަހުން ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ އެވެ. މި ތިން ބޭފުޅުން އިސްތިއުފާ ދެއްވެވީ މިދިޔަ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އެ ބޭފުޅުންގެ ކުރިން އަލީ އަޝްރަފާއި، އިބްރާހީމް ޝަކީލް ވެސް ވަނީ އޭސީސީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. އަޝްރަފް އިސްތިއުފާ ދެއްވީ ޑިސެމްބަރު ދެވަނަ ދުވަހު އެވެ. ޝަކީލް އިސްތިއުފާ ދެއްވީ ޑިސެންބަރު 15 ވަނަ ދުވަހު އެވެ.