ލައިފްސްޓައިލް

ޔުކްރޭންގެ ދެމަފިރިން ހަނީމޫންގެ ބަދަލުގައި ހަނގުރާމައަށް

ރަޝިޔާ ސިފައިން ޔުކްރޭނަށް އަރައި އެ ގައުމު ހިސޯރުކުރުމަށް ވަރުގަދަ ހަނގުރާމައެއް ފެށުމާއެކު ޔުކްރޭނުގެ ގިނަ އަދަދެއްގެ މީހުން މިހާރު ވަނީ އަމިއްލަ ގައުމުގެ ދިފާއުގައި ފުރާނައިން ގުރުބާން ވާން ތައްޔާރުވެފަ އެވެ. އެގޮތުން ޔުކްރޭނުގެ ވަރަށް ޒުވާން ދެ ލޯބިވެރިންވެސް މިހާރު ވަނީ ކައިވެނިކުރުމަށްފަހު ހަނގުރާމަކުރަމުންދާ ސިފައިންނާ ބައިވެރިވެފަ އެވެ.

އުމުރުން 21 އަހަރުގެ ޔަރީނާ އާއި 24 އަހަރުގެ ސްވިއަޓޮސްލާވްގެ ކައިވެނި ކުރިން ހަމަޖެހިފައި އޮތީ މި އަހަރުގެ މެއި ކުރާށެވެ. ނަމަވެސް ރަޝިޔާ އިން އެމީހުންގެ އަމިއްލަ ގައުމަށް އަރައިގަތުމުން ދެ މީހުން ކައިވެނި އަވަސްކޮށްލީ އެވެ.

އެހެން މީހުން ކައިވެންޏަށްފަހު ހަނީމޫނަށް ދިޔަ ނަމަވެސް މި ޒުވާން ދެމަފިރިން ދިޔައީ ހަނގުރާމަ އަށެވެ.

ޔުކްރޭނުގެ ވެރިރަށް ކިއޭވްގައި ހޮނިހިރު ދުވަހު އޮތް ވަރަށް އާދައިގެ ރަސްމިއްޔާތެއްގައި ޔަރީނާ އާއި ސްވިއަޓޮސްލާވް ވަނީ ކައިވެނިކޮށްފަ އެވެ. އަދި ކައިވެންޏަށް އެންމެ 24 ގަޑިއިރު ތެރޭ އެމީހުން ވަނީ ހަނގުރާމައިގެ މައިދާނަށް ނުކުމެފަ އެވެ.

ސީއެންއެންގެ ނޫސްވެރިޔާ ކްރިސްޓިއަން ސްޓްރީބް އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން މި ޒުވާން ދެމަފިރިންގެ ވާހަކަ ޝެއާ ކޮށްފައި ވެއެވެ. އަދި ޔަރީނާ އާއި ސްވިއަޓޮސްލާވް ކައިވެނި ކުރަނިކޮށް ނަގާފައިވާ ފޮޓޯއަކާއި ދެމަފިރިން އޭކޭ47 ބަޑި ހިފައިގެން ހަނގުރާމައަށް ނުކުމެ ތިއްބާ ނަގާފައިވާ ފޮޓޯއެއް ވެސް ޝެއާ ކޮށްފައިވެ އެވެ.

ރަޝިއާ އިން މިހާރު ވަނީ ޔުކްރޭންގެ ވެރިރަށް ކިއެވް ވަށާލައި އެ ސިޓީ ހިފުމަށް ތައްޔާރު ވެފަ އެވެ.