ޔުކްރޭންގެ ޒުވާން ނަރުސް އޮކްސާނާ އާއި އޭނާގެ ލޯބިވެރިޔާ ވިކްޓާގެ ހަޔާތުގައި މި ފަހަކުން ދިމާވި ކަންތައްތަކަކީ ބިރުވެރި ހުވަފެނެއް ފަދަ ކަންތައް ތަކެކެވެ. އުމުރުން 23 އަހަރުގެ ޒުވާން މި ދެ ލޯބިވެރިންނަކީ ވަރަށް އަވަހަށް ޒަވާޖީ ހަޔާތެއް ފެށުމަށް އުންމީދުކުރަމުން އައި ދެ ޒުވާނުންނެވެ.
އެމީހުންގެ ހުވަފެންތައް ފުނޑުފުނޑުވެގެން ދިޔައީ ރަޝިޔާ ސިފައިން ޔުކްރޭނަށް އަރައި އެ ގައުމުގައި ކުރަން ފެށި ވަރުގަދަ ހަނގުރާމައިގެ ސަބަބުންނެވެ.
މި ހަނގުރާމަ އެންމެ ހޫނުވީއިރުވެސް އޮކްސާނާ ހުރީ ހޮސްޕިޓަލުގެ ނަރުހެއްގެ ވަޒީފާގައި ބަލި މީހުންގެ ހިދުމަތުގަ އެވެ. މާޗް 27، 2022 ގައި އޮކްސާނާގެ ދިރިއުޅުން އެ ފުށް މިފުށަށް ޖެހުނީ ވެސް ހޮސްޕިޓަލުގެ ޑިއުޓީ ނިންމާފައި ވިކްޓާއާ އެކު ގެއަށް އައި މަގުމަތީގަ އެވެ.
އެ ދުވަހު އޮކްސާނާ އާއި ވަރަށް ކައިރިން ލޭންޑްމައިނެއް ގޮވުމުގެ ސަބަބުން އޭނާގެ ދެފަޔާއި އަތުގެ އިނގިލިތައް ފުނޑުފުނޑުވެ ދެ ފަޔާއި އިނގިލިތައް ބުރިކޮށްލަން ޖެހި ދިރިއުޅުން އެކޮޅުކޮޅުން ޖެހުނެވެ.
ކިތަންމެ ލޯބިވާ ކަމަށް ހެދުނަސް މިފަދަ ހާދިސާއެއް ކުރިމަތިވެ އަންހެން މީހާ ނުކުޅެދޭ މީހަކަށް ވެއްޖެނަމަ ގިނަ ފިރިހެނުން މަޑުމަޑުން އެމީހަކާ ފެޔަށް ޖެހި ފިލަ އެވެ. ނަމަވެސް ވިކްޓާ އަކީ އެކަހަލަ މީހެއް ނޫނެވެ.
ހޮސްޕިޓަލުގައި އޮކްސާނާ މަރާ ހަނގުރާމަ ކުރަމުން ދިޔައިރު އެންމެ ކައިރިން އޭނާއަށް ހިތްވަރުދީ އޯގާތެރިކަމާއެކު ފިރުމައިދިނީ ވިކްޓާ އެވެ.
ކުއްލިއަކަށް ހަޔާތަށް އައި ބޮޑު އިންގިލާބާއި ހަށިގަނޑުގެ މުހިއްމު ބައިތަކެއް ގެއްލުނު ނަމަވެސް އޮކްސާނާ ދިރިއުޅުމުގެ އުންމީދު ކަނޑާ ނުލާ ހަތަރު ސާޖަރީ އާ ކުރިމަތިލީ ހިތްވަރާ އެކުގަ އެވެ. އެންމެ ފަހުން ހުރިހާ މެޑިކަލް ޕްރޮސީޖާތަކެއް ފުރިހަމަކުރުމަށްފަހު މީގެ ދެ ތިން ދުވަސް ކުރިން އޮކްސާނާ ވަނީ އޭނާގެ ލޯބިވެރިޔާ ވިކްޓާއާ ކައިވެނި ކޮށްފަ އެވެ.
މި ކައިވެނި އޮތީ ހޮސްޕިޓަލުގައި އޭނާ އެޑްމިޓްކޮށްފައި އޮތް ކޮޓަރީގަ އެވެ. ކައިވެނީގައި ބައިވެރިވީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި މީހުންނާއި ވޮލަންޓިއަރުންނެވެ.
ވަރަށް ގިނަ ކައިވެނީގެ ހަފުލާތަކުގައި ކައިވެނީގެ ރަސްމިއްޔާތަށްފަހު ފުރަތަމަ ޑާންސް ކުރަނީ އަލަތު ދެމަފިރިންނެވެ. ނަމަވެސް އޮކްސާނާގެ ދެ ފައި ނެތުމުން އޭނާއަށް ވިކްޓާ އާއެކު ޑާންސް ކޮށްލާނެ ގޮތެއް ނޭނގިގެން އުޅެނިކޮށް ކުއްލިއަކަށް ވިކްޓާ އޭނާ އުފުއްލާލި އެވެ. ދެ ފައި ނެތަސް ވިކްޓާގެ ކަނދުރާގައި ދެ އަތް އަޅުވާލައިގެން އޮކްސާނާ ފުރަތަމަ ޑާންސް ފުރިހަމަ ކުރިއިރު އޭނާ އާއި އެތާގައި ތިބި އެންމެންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހޮރުނެވެ. ވިކްޓާގެ ރަނގަޅުކަމުންނެވެ.
ލިވީވްގެ ހޮސްޕިޓަލެއްގައި އޮކްސާނާ އާއި ވިކްޓާ ކައިވެނިކުރި ވާހަކަ އާއި އެ ކައިވެނީގެ މަންޒަރުތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެ އެތައް މިލިއަން ބަޔަކު ވަނީ މި ދެމަފިރިންގެ ހިތްވަރަށް ސާބަސްދީ ތައުރީފުކޮށްފަ އެވެ.
ވިކްޓާ އާއި އޮކްސާނާގެ ހިތްވަރުގަދަކަމާއި ކެތްތެރިކަމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ވަރަށް އަސަރުކޮށްފަ އެވެ.
މި މަންޒަރުތައް ފޭސްބުކްގައި ޕޯސްޓްކުރަމުން އޮކްސާނާގެ ދެމަފިރިން ލިޔެފައިވާ ގޮތުގައި "އެއްވެސް މީހަކަށް ދިރިއުޅުން ފަހެއް ނުކުރެވޭނެ" އެވެ.
އޮކްސާނާ އާއި ވިކްޓާ މިހާރު ތައްޔާރުވަމުންދަނީ އިތުރު ފަރުވާއަށް ޖާމަނީ އަށް ފުރާށެވެ.