ލައިފްސްޓައިލް

ހަނގުރާމައިގައި ނުޖެހި ލޯބި ކާމިޔާބު ކުރެވުނީ ކިރިޔާ!

ޔުކްރޭނަށް ރަޝިޔާ ސިފައިން އަރަން ކުރާ ހަނގުރާމައިގައި އެ ރަށުގެ އެތައް ބަޔަކު މަރުވެ އިމާރާތްތައް ސުންނާފަތިވަމުންދާއިރު އެ ހުރިހާ ބިރުވެރިކަމަކުން ސަލާމަތްވެ ޔުކްރޭން އަންހެނަކު އިންޑިޔާގައި މުޅީން އާ ދިރިއުޅުމެއް ފަށައިފި އެވެ.

ޔުކްރޭނަށް ރަޝިޔާ ސިފައިން އެރުމުގެ އެއް ދުވަސްކުރިން މި އަންހެންމީހާ ވަނީ އިންޑިޔާގެ ހައިދަރުއާބާދުގައި އެ ރަށުގެ މީހަކާ ކައިވެނިކޮށްފަ އެވެ.

ލިޔުބޯވް ނަމަކަށް ކިޔާ މި ޒުވާން އަންހެންމީހާ އާއި ޕްރަތީކް ނަމަކަށް ކިޔާ އިންޑިޔާ ފިރިހެންމީހާގެ ލޯބީގެ ވާހަކައަކީ ބޮލީވުޑް ފިލްމުތަކުން ފެންނަ ކަހަލަ ޝައުގުވެރި ވާހަކަ އެކެވެ.

މީގެ އެތައް މަހެއް ކުރިން ލިޔުބޯވް އާއި ޕްރަތީކް ފުރަތަމަ ފަހަރަށް ބައްދަލުވީ ޔުކްރޭނުންނެވެ. ފުރަތަމަ ބައްދަލުވުމުން ވެސް ލޯބީގެ ހުޅުކޮޅު ދެ މީހުންގެ ހިތުގައި ރޯވި އެވެ. އަދި މުޅި ހަޔާތު އެކުގައި ވޭތުކުރުމަށް ދެ މީހުން ވެސް ގަސްތުކުރި އެވެ.

ނަމަވެސް ރަޝިޔާ މީހުން ޔުކްރޭނަށް އެރުމާ ގުޅިގެން އެމީހުން ރާވާފައިވާ ހުރިހާ ރޭވުމެއް ނާކާމިޔާބުވީ އެވެ. އެހެންވެ އަވަސް އަވަހަށް ފެބްރުއަރީ 23 ވަނަ ދުވަހު ޔުކްރޭނުގައި ދެ މީހުން ކައިވެނިކޮށްފައި ހަމަ އެ ދުވަހު ފުރައިގެން އިންޑިޔާއަށް ދިޔައީ އެވެ. ރަޝިޔާ ސިފައިން ޔުކްރޭނަށް އެރީ ޖެހިގެން އައި ދުވަހު އެވެ. އިންޑިޔާއަށް ގޮސް އެމީޙުން ވަނީ ޕްރަތީކްގެ އާއިލާ އާއި ގާތް މީހުންނަށް ކައިވެނީގެ ވަލީމާއެއް ދީފަ އެވެ.