ބޮލީވުޑް

މަލާމާތް ކުރުމަށްފަހު "ގަންގޫބާއީ" އަށް ކަންގަނާގެ ތައުރީފް

އާލިއާ ބަޓްގެ ކުޅަދާނަކަން އެންމެ ފުރިހަމައަށް ދައްކާލާފައިވާ "ގަންގޫބާއީ ކަތިއާވަޅީ" މިހާރު ވަނީ ސިނަމާތަކުގައި ދައްކަން ފަށާފަ އެވެ. އަދި ފިލްމު ބެލި ގިނަ ބަޔަކު ދަނީ މި ފިލްމުގެ މޮޅު ވާހަކަ ދައްކައި އާލިއާ އަށް ތައުރީފުކުރަމުންނެވެ.

ފިލްމު ޕްރޮމޯޓް ކުރުމަށް ބައެއް ބޮޑެތި ސިނަމާތަކަށް އާލިއާ މިހާރުވެސް ޒިޔާރަތް ކުރަމުން އެބަދެ އެވެ. އަދި އޭނާ އަށް ބެލުންތެރިން ދޭ ތަރުހީބުން ފިލްމުގައި އޭނާ ކުޅެފައިވާ ރޯލު މޮޅުކަން އެންމެންނަށް ވެސް ގަބޫލުކުރެވޭކަން ސާބިތުވެ އެވެ.

ހުދު ސާޅީގައި ސިނަމާތަކަށް ގޮސް ބެލުންތެރިންގެ ކުރިމައްޗަށް އަރާ "ކިހިނެއްހޭ ފިލްމު" އާލިއާ ގޮވާލުމާއެކު ބެލުންތެރިން "މައިންޑްބްލޯއިން"އޭ އެއް އަޑުން ގޮވާފައިވެ އެވެ.

"އިއްޒަތްތެރިކަމާއެކު ދިރިއުޅޭށެވެ. ބިރުގަންނާނެ ކަމެއް ނެތެވެ،" ފިލްމުގެ ޑައިލޯގެއް އާއިލާ ބެލުންތެރިންނާ މުހާތަބުކޮށް ބުނެލި އެވެ. އެއާއެކު އެންމެން ހީވީ އުތުރި އަރައިގަތް ހެނެވެ. އަދި އެންމެން އެއް އަޑުން "ގަންގޫބާއީ"އޭ ގޮވަން ފެށި އެވެ.

ފިލްމު ރިލީޒްކުރުމުގެ ކުރިން ކަންގަނާ ރަނާވަތު ވަނީ މި ފިލްމަށާއި އާލިއާ އަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އަދި 200 ކްރޯޑުގެ މި ފިލްމު އަނދާ އަޅިޔަށް ވާނެ ކަމަށް ކަންގަނާ ބުނެފައިވެ އެވެ. ނަމަވެސް ފިލްމު ރިލީޒްކުރުމަށްފަހު އޭނާއަށް ވެސް ފިލްމަށް ތައުރީފު ނުކޮށެއް ނުހުރެވުނެވެ. ފިލްމު ބޮކްސް އޮފީހުގައި ހޯދަމުންދާ އާދަޔާޚިލާފު ބޮޑު ކާމިޔާބީ ފެނިފަ އެވެ.

އިންސްޓަގްރާމްގައި ކަންގަނާ ޝެއާ ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މޮޅު ފިލްމުތަކެއް ރިލީޒްކޮށް ސައުތު ފިލްމު އިންޑަސްޓްރީ އަލުން ހަމައަކަށް އެޅުނު ވާހަކަ އިވުމުން އޭނާ ވަރަށް އުފާވި އެވެ. އަދި ހިންދީ ފިލްމު އިންޑަސްޓްރީ ވެސް ކުދިކުދި ފިޔަވަޅުތައް އަޅަމުން ކުރިއަރަން ފަށައިފި ވާހަކަ އޭނާއަށް އަޑުއިވިފައިވާ ކަމަށެވެ.

އާލިއާ އާއި "ގަންގޫބާއީ"ގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ ނަން ނުކިޔައި ކަންގަނާ ބުނެފައިވަނީ ބޮޑު ހީރޯ އަކާއި ސުޕަސްޓާ ޑައިރެކްޓަރެއްގެ އަންހެން ރޯލަށް ހާއްސަ ފިލްމެއް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ހޯދަމުން ދިއުމަކީ ވެންޓިލޭޓަރުގައި މިހާރު އޮތް ތިއޭޓާ ވިޔަފާރިއަށް ލިބުނު ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

މިފަދަ ހާލަތެއްގައި މޫވީ މާފިއާ އަށް (ކަރަން ޖޯހަރާއި އާލިއާ އަދި އެމީހުންނާ ގުޅިފައިވާ ފިލްމު އިންޑަސްޓްރީގެ މީހުންނަށް ކަންގަނާ ދީގެން އުޅޭ ނަމެއް) މިހާ ރަނގަޅުކަމެއް ކުރެވިދާނެ ކަމަކަށް އުންމީދެއް ނުކުރަން. އެމީހުންނަށް އެފަދަ ކަމެއް ކުރެވިއްޖިއްޔާ އެކަމެއް ބަލައިގަނެ ޝުކުރުވެރިވާން ޖެހޭނެ. ރަނގަޅު ގޮތްތަކެއް ވާނެކަމަށް އުންމީދުކުރަން،" ކަންގަނާގެ ޕޯސްޓުގައި ވެއެވެ.

"ގަންގޫބާއީ" ރިލީޒްކުރުމުގެ ކުރިން އެ ފިލްމަށާއި އާލިއާ އަށް ކަންގަނާ ވަރަށް ބޮޑަށް ފާޑުކިޔާފައިވާތީ އެކަމާ މެދު އާލިއާ ދެކެނީ ކިހިނެއްތޯ ހިންދުސްތާން ޓައިމްސް އިން އޭނާ އާ ސުވާލުކޮށްފައި ވެއެވެ.

އާލިއާ ބުނީ އޭނާ އަށާއި ފިލްމަށް ކަންގަނާ ކިތަންމެ ނެގެޓިވް ކޮމެންޓުތައް ކުރިޔަސް އޭނާގެ ހިތުގައި ކަންގަނާއަށް އެއްވެސް ނަފުރަތެއް ރުޅިވެރިކަމެއް ނެތް ކަމަށެވެ. އަދި ކަންގަނާ ދެއްކި ވާހަކަތަކަށް އެއްވެސް އެއްޗެކޭ ހިތަށް ނާރާ ކަމަށެވެ.