ބޮލީވުޑް

އާލިއާއަށް އެވޯޑެއް ލިބިގެން ކަންގަނާ ރުޅިގަދަ ވެއްޖެ

ކަންގަނާ ރަނާވަތު އަކީ ސޯޝަލް މީޑިއާގައި ވަރަށް އަޑުގަދަ ކުރާ ބަތަލާ އެކެވެ. އޭނާގެ ކަންތައް މާ6ބޮޑުވެގެން ޓުވިޓާ އިން އޭނާގެ އެކައުންޓް ސަސްޕެންޑް ކޮށްފައިވެސް ދުވަސްތަކަކު ބަހައްޓާފައި ވެއެވެ. ނަމަވެސް ދާދިފަހުން އެކައުންޓް ވަނީ ރިލީޒްކޮށްފަ އެވެ. އެއާއެކު ކަންގަނާގެ ހަމަލަތައް ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އެކި މީހުންނަށް އަމާޒުކުރަން ވަނީ ފަށާފަ އެވެ.

ކަންގަނާ އެންމެ ފަހުން ރުޅިގަދަވެގެން އުޅެނީ އިންޑިޔާގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށްދޭ ވަރަށް ޝަރަފުވެރި އެވޯޑެއް ކަމަށްވާ ދާދާސާހަބް ޕާލްކޭ އެވޯޑު 2023 އާލިއާ ބަޓް އާއި އޭނަގެ ފިރިމީހާ އަދި އެކްޓަރު ރަންބީރު ކަޕޫރަށް ލިބިގެންނެވެ. އާލިއާ އަށް ލިބިފައިވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑެވެ. ރަންބީރަށް ލިބުނީ އެންމެ މޮޅު ބަތަލުގެ އެވޯޑެވެ.

ކަންގަނާ ކުރި ޓުވީޓެއްގައި ނުސީދާކޮށް "ގަންގުބައި ކަތިއަވަޅީ" ބަތަލާ އާލިއާ އަށް ހަމަލަތައް ރައްދުކޮށްފައި ވެއެވެ.

"ނެޕޯ މާފިއާ (ފިލްމީ ދަރިންގެ އާއިލާގެ އެކްޓަރުންނަށް ކަންގަނާ ދީގެން އުޅޭ ނަމެއް) އިން އަނެއްކާވެސް ހުނަރުވެރި އަދި އެވޯޑު ހައްގު މީހުންގެ އަތުން އެވޯޑުތައް ޖަހައިގަތުމުގެ މަސައްކަތް ފަށައިފި،" ކަންގަނާގެ ޓުވީޓުގައި ވެއެވެ.

ކަންގަނާ ވަނީ އޭނާގެ ނަޒަރުގައި އެންމެ މޮޅު ބަތަލު އާއި ބަތަލާގެ އެވޯޑު ލިބެން ޖެހޭ ތަރިންގެ ނަންތަކާއި އެމީހުން ކުޅުނު ފިލްމުތައް ވެސް ހާމަކޮށްފަ އެވެ. އޭނާގެ ޓުވީޓުގައިވާ ގޮތުގައި ބެސްޓް އެކްޓަރު ލިބެން ޖެހޭނީ "ކަންޓާރާ"ގެ ބަތަލު ރިޝަބް ޝެޓީ އަށެވެ. ބެސްޓް އެކްސްޓްރެސް ލިބެން ޖެހޭނީ "ސީތާ ރާމަމް"ގެ ބަތަލާ މުރުނާލް ޓާކޫރް އަށެވެ.

ކަންގަނާގެ މި ޓުވީޓުތަކަށް ރައްދު ދީ އޭނާއަށް މަލާމާތްކުރުމުގައި ސޯޝަލް މީޑިއާ އުތުރި އަރާފައި ވެއެވެ. ކަންގަނާއަށް ރައްދު ދިން ގިނަ މީހުން ބުނީ މިއީ ޓުވީޓްތަކުން ހާމަވަނީ އޭނާގެ ހިތުގައި އޮތް ހަސަދަވެރިކަން ކަމަށެވެ. އަދި އޭނާގެ އެންފަހުގެ ރިލީޒް "ދާކަޅް" ބޮކްސް އޮފީހުގައި ފްލޮޕްވެފައިވާކަން ވެސް ބައެއް މީހުން ވަނީ ކަންގަނާ އަށް ހަނދާން ކޮށްދީފަ އެވެ.

"ދާކަޅް އަށް ވަރަށް ބޮޑު އެވޯޑެއް ހައްގު. އެއީ 'މިގަރުނުގެ އެންމެ ކާރިސާގެ އެވޯޑު'. 100 ކްރޯޑު ބަޖެޓަކުން އުފެއްދި ފިލްމަށް ލިބުނީ އެންމެ 2.35 ކްރޯޑު،" ކަންގަނާއަށް ރައްދުދީ މީހަކު ކުރި ޓުވީޓެއްގައި ވެއެވެ.
އެހެން މީހަކު ބުނީ ކަންގަނާ އަށް ދަރިއަކު ލިބުމުން އެ ދަރި އެއްލާލަން ޖެހޭ ކަމަށެވެ. އެއީ އެ ކުއްޖާ އަކީ ވެސް "ނެޕޯ ކިޑް'ގެ ޓެގް އެޅުވޭނެ ކުއްޖަކަށް ވާތީ އެވެ.

"ގަންގޫބާއީ ކަތިއަވަޅީ" ކުޅެގެން އާލިއާ އަށް އެންމެ މޮޅު ބަތަލާގެ އެވޯޑު ހައްގެއް ނޫންތޯ ވެސް މީހަކު ކަންގަނާ އާ ސުވާލު ކޮށްފައި ވެއެވެ.

"އަހަރެން ބެލިން 'ކަންޓާރާ'ވެސް. އެ ފިލްމުގައި މުރުނާލް ވަރަށް މޮޅު. ނަމަވެސް "ގަންގޫބާއީ"ގައި އާލިއާ ކުޅެފައިވާ ރޯލު ހާ މޮޅެއް ނޫން،" ކަންގަނާއަށް ރައްދުދީ އެމީހާ ލިޔެފައި ވެއެވެ.