އާލިއާ ބަޓްގެ އާ ފިލްމު ގަންގުބާއީ ކަތިއާވަޅީ" އުފައްދަން ދިޔަ 200 ކްރޯޑު ރުޕީސް އަނދާ އަޅިޔަށް ވާނެ ކަމަށް ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ. ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ އިޝްތިހާރުތައް ދައްކަން ފެށީއްސުރެ ކަންގަނާ ގެންދަނީ މި ފިލްމަށް ފާޑު ކިޔައި ކޮމެންޓުތައް ކުރަމުންނެވެ.
ކަންގަނާ މި ފިލްމާ ހިތްހަމަ ނުޖެހެނީ ފިލްމުގެ ބަތަލާއަކީ އާލިއާ އަށް ވާތީ އެވެ. އާލިއާ ލޯންޗުކުރީ ޕްރޮޑިއުސަރު-ކަރަން ޖޯހަރް ކަމަށް ވެފައި އަބަދުވެސް އާލިއާއަށް ކަރަން މާ ރަނގަޅަށް ކަންތައް ކުރާތީ ކަންގަނާ އުޅެނީ އާލިއާ އާ ވަރަށް ޖައްސާލައިގެނެވެ. އާލިއާގެ ފިލްމާ ދެކޮޅަށް ކޮމެންޓުތައް ކުރަމުން ދަނީ އެހެންވެ އެވެ.
ކަންގަނާ ބުނި ގޮތުގައި ބާންސާލީގެ ފިލްމު ނުހިނގާނެ އެންމެ ބޮޑު އެއް ސަބަބަކީ ފިލްމުގައި ބައިވެރި ކޮށްފައިވާ އެކްޓަރުންގެ ސަބަބުންނެވެ.
"މި ހުކުރު ދުވަހު ބޮކްސް އޮފީހުގައި 200 ކްރޯޑު އަނދާ އަޅިޔަށް ވާނެ. ފިލްމުގެ އެންމެ ފީކަޅާ ކަމަކީ ބައިވެރި ކޮށްފައިވާ އެކްޓަރުން. މި މީހުން ދުވަހަކު ވެސް އިސްލާހެއް ނުވާނެ. އަބަދުވެސް އުޅޭނީ ބައްޕަގެ [މޫވީ މާފިއާ ޑެޑީ] ގެ ދަރިއަކީ މާ މޮޅަށް އެކްޓް ކުރެވޭ މީހެއްކަމަށް ދައްކަން ވެގެން. އެހެންވެ ހުރިހާ ސްކްރީންތަކެއް މިހާރު ސައުތުގެ ފިލްމުތަކަށާއި ހޮލީވުޑް ފިލްމުތަކަށް ލިބެނީ. މޫވީ މާފިއާގެ ބާރު އޮތްހާ ދުވަހަކު ބޮލީވުޑް ވާނީ މުޅިން ހަލާކު،" ކަންގަނާ އިންސްޓަގްރާމްގައި ޝެއާ ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.
ކަންގަނާ ވަނީ އާލިއާގެ ނަން ނުބުނެ އޭނާއަށް ވަރަށް މަލާމާތް ކޮށްފަ އެވެ. އާލިއާ އަތުގައި އޮންނަނީ އިނގިރޭސި ޕާސްޕޯޓެއް ކަމަށާއި ހިންދީ ފިލްމު އިންޑަސްޓްރީ ހަލާކު ކޮށްލީ އާލިއާގެ ބައްޕަ މަހޭޝް ބަޓް ކަމަށް ވެސް ކަންގަނާ ވަނީ ބުނެފަ އެވެ.
މިއީ އާލިއާގެ މި ފިލްމަށް ކަންގަނާ ފާޑުކީ ފުރަތަމަ ފަހަރެއް ނޫނެވެ. "ގަންގޫބާއީ" ގައި އާލިއާ ކިޔާ ޑައިލޯގެއްގެ އިޝްތިހާރެއް ދައްކަން ފެށުމުން ކުޑަ އަންހެންކުއްޖަކު އާލިއާ ކޮޕީކޮށް އެގޮތަށް އެ ޑައިލޯގް ކިޔާފައި ސޯޝަލް މީޑީއާގައި ޝެއާ ކުރުމުން އެކަމާ ވެސް ކަންގަނާ ވަނީ ނުރުހިފަ އެވެ. އޭނާ ބުނި ގޮތުގައި ފިލްމުގައި އާލިއާ ކުޅެފައި ވަނީ ކަސްބީ އަންހެނެއްގެ ރޯލެވެ. ވީމާ އެ ފަދަ މީހެއްގެ ޑައިލޯގް ކުޑަ ކުއްޖަކު ކިޔައި އެ ފަދަ މީހުން ހަރަކާތްތައް ގެންގުޅޭ ގޮތަށް ހަރަކާތްތައް ބެހެއްޓުމުން ކަންގަނާ ރުޅި އައީ އެވެ.