ދުނިޔެ

ރަޝިއާ-ޔުކްރޭން މަޝްވަރާތައް މިއަދު ހެނދުނު

ޔުކްރޭންގައި ޚާއްސަ އޮޕޮރޭޝަނެއް ހިންގަން ވެއްޖެ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް ފެޑިވަޑައިގެންނެވުމުން، އަސްކަރިއްޔާއަށް ކުރެއްވި އަމުރާއެކު ފައުޖުތައް މިހާރު ތިބީ ޔުކްރޭންގަ އެވެ.

ޕޫޓިން ވިދާޅުވި ގޮތުން ޔުކްރޭންގައި އަދި ހަނގުރާމައެއް ނުފެށެ އެވެ. މިހާރު އެ ހިނގަނީ ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމަށް ބެލެވޭ ހުރިހާ ކަމެއް ނައްތާލުމަށް ހިންގޭ އޮޕަރޭޝަނެކެވެ.

ޔުކްރޭނަށް އަރައި ރަޝިއާ ފައުޖުތަކުން ދެމުން ގެންދާ ހަމަލާތަކުގައި މުޅި ޔުކްރޭން އޮތީ ހުއްޓިފަ އެވެ. ދުނިޔޭގެ ބާރުތަކުން ރަޝިއާއަށް، ދުނިޔެ ދަންނަ ހުރިހާ ގޮތަކުން ދަތިކޮށް ފިއްތާފައި އޮތްއިރު މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ ދެ ގައުމު ސުލްހަވުމަށް މަޝްވަރާ ކުރުމެވެ.

ރަޝިއާގެ ދައުވަތަކަށް އެތައް ފަހަރަކު ބޮޑާހޭކުމަށް ފަހު ޔުކްރޭނުން މިހާރު ވަނީ މަޝްވަރާއަށް އާނއެކޭ ބުނެފަ އެވެ. އެހެންނަމަވެސް، ތިޔަ ހީވާހާ އަވަހަށް މަޝްވަރާތައް ފެށިގެން ނުދާނެ އެވެ.

ޚަބަރުތައް ބުނާ ގޮތުން މަޝްވަރާތަައް ފެށުމަށްޓަކައި ވަފުދުތައް ބެލަރޫސް ބޯޑަރަށް މިއަދުގެ ވަގުތެއްގައި ޖަމާވާނެ އެވެ. އަސްލު މަޝްވަރާތައް ފެށޭނީ އެހާހިސާބުންނެވެ.

ބެލަރޫސްގައި މަޝްވަރާ ކުރުމަށް ރަޝިއާ ހުށަހެޅި ހުށަހެޅުމަށް ޔުކްރޭން ކުރިން އެއްބަހެއް ވެސް ނުވި އެވެ. ބުނީ އެނޫން ގައުމެއް އެންމެ ރަނގަޅު ކަމަށެވެ.

އެހެންނަމަމެވެސް މަޝްވަރާ އަށް ދެ ގައުމުން އައްޔަންކުރި ވަފުދު ފުރަތަމަ ބައްދަލުކުރާނީ ބެލަރޫސްގެ ބޯޑަރުގަ އެވެ. އެއަށްފަހު އެޖެންޑާއަށް ނުވަތަ މަޝްވަރާތައް ކުރިއަށް ގެންދާނެ ތަން ބަދަލުކުރުމަކީ ވެސް އޮތް ފުރުސަތެކެވެ.

މަޝްވަރާއަށް ރަޝިއާ އެއްބަސްވީ އެއްވެސް ޝަރުތަކާ ނުލަ އެވެ. ޔުކްރޭނުން ބުނީ ޝަރުތަކާ ނުލައި ރަޝިއާ މަޝްވަރާއަށް އެއްބަސްވުމަކީ ވެސް ޔުކްރޭނަށް ލިބުނު ކާމިޔާބެއް ކަމަށެވެ. އެކަމަކު ޔުކްރޭންގެ މުހިއްމު އަވަށްތަކެއް ދަރުދެއްޔަށް ވެފައި އޮތް ކަމެއް ޔުކްރޭނަށް އަދިވެސް ގަބޫލެއް ނުކުރެވެ އެވެ.