އީޔޫ

ދެ ސަފީރަކު އެހެން ދެ ގައުމަކަށް ބަދަލުކުރަނީ

ދެ ގައުމަކަށް މިހާރު ކަނޑައަޅުއްވާފައި ތިއްބެވި ދެ ސަފީރުން އެހެން ދެ ގައުމަކަށް ބަދަލުކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅައިފި އެވެ.

ދެ ސަފީރަކަށް ރުހުން ހޯދަން ރައީސް އިބްރާާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީ މަޖިލީހުގެ މިޖަލްސާގައި ވަނީ އިއްވާފަ އެވެ.

ރުހުން ހޯދަން ހުށަހެޅީ ބެލްޖިއަމްއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް އައްޔަންކުރަން ނިންމާފައިވާ އުމަރު އަބްދުއްރައްޒާގާއި ޖަޕާނުގެ ސަފީރުކަމަށް އައްޔަނުކުރަން ނިންމާފައިވާ ހަސަން ސޯބިރު އަށެވެެ.

ހަސަން ސޯބިރު މިހާރު ފުރުއްވަމުން ގެންދަވަނީ ބެލްޖިއަމްއާއި ޔޫރަޕިއަން ޔޫނިއަންއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމެވެ. އުމަރު އަބްދުއް ރައްޒާގަކީ ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. އެ ދެ ބޭފުޅުން އަނބުރާ ރާއްޖެ ގެންނަން ނިންމަވާފައިވާ ކަމަށް ރައީސް ސޯލިހު، މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ. އެކަމަކު އެ ދެ ބޭފުޅުން އެހެން ގައުމަކަށް ބަދަލުކުރައްވާ ވަކި ސަބަބެއް ސިޓީފުޅުގައި ވިދާޅުވެފައެއް ނުވެ އެވެ.

ދެ ސަފީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރަން ފޮނުވީ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށެވެ.

ދެ ސަފީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާނީ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މައްސަލަ ދިރާސާކޮށް މަޖިލީހުގެ ރައީސް މެދުވެރިކޮށް ތަޅުމަށް ފޮނުވުމުންނެވެ.