އެމްއެންޑީއެފް

ސިފައިންގެ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް އިފްތިތާހުކޮށްފި

Feb 28, 2022

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މެރިންކޯގެ އެލީޓް ޔުނިޓް -- ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް އިފްތިތާހުކޮށްފި އެވެ.

މެރިންކޯގެ އެލީޓް ޔުނިޓް ނުވަތަ މެރިންކޯގެ ހާއްސަ ބާރެއް ކަމުގައިވާ ސްޕެޝަލް އޮޕަރޭޝަން ގްރޫޕް (އެސްއޯޖީ) މިއަދު އިފްތިތާހުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ.

މެރިން ކޯގެ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕަކީ އެމްއެންޑީއެފްގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، އެއްގަމާއި ކަނޑުގައި ހިންގަންޖެހޭ ހާއްސަ އޮޕަރޭޝަންތައް ހިންގުމާއި އަދި ކުއްލި ނުރައްކަލުގެ ހާލަތުގައި ހަރަކާތްތެރިވާ ފޯސްއެއްގެ ގޮތުގައި، ހާއްސަ އޮޕަރޭޝަންތައް ހިންގުމަށް މުޅިން އަލަށް އެކުލަވާލެވުނު ޔުނިޓެކެވެ.

މިޔުނިޓް އިފްތިތާހުކޮށްފައި މިވަނީ ޔުނިޓްގައި މަސައްކަތް ކުރާ އޮފިސަރުންނަށް ނުވަ މަސް ދުވަސް ވަންދެން ޔުނިޓުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ބޭނުންވާނެ ހުނަރާއި ތަމްރީން ދިނުމަށްފަހު އެވެ. އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުލޭ ޕޯސްޓް އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ލ. ކައްދޫގައި ހިންގި ތަމްރީންތަކުގައި ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕަށް ނިސްބަތްވާ 30 ސިފައިން ބައިވެރިވި އެވެ. މީގެ ތެރޭގައި އެސްއޯޖީގެ ހަތަރު އޮފިސަރުން ވެސް ހިމެނެ އެވެ.

ގިރިފުށި ޓްރެއިނިން ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕުގެ ލައިވް ފަޔާ ޑެމޮންސްޓްރޭޝަނެއް ވަނީ ދައްކާލާފަ އެވެ. މި ޑެމޮންސްޓްރޭޝަންގައި ޓެރަރިސްޓް ހަނގުރާމަވެރިންތަކެއްގެ ސްޓްރޯންގް ހޯލްޑެއް ނައްތާލާނެ ގޮތުގެ ރެއިޑް އޮޕަރޭޝަނެއް ވެސް ދައްކާލި އެވެ.

ތަމްރީންތަކުގައި ބައިވެރިވި ހުރިހާ ސިފައިން ވެސް ވަނީ ކޯސް ފުރިހަމަކޮށް، ކޯހުގެ ބެޖު ހާސިލްކޮށްފަ އެވެ. މީގެ އިތުރުން ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ވަނީ އެސްއޯޖީ ޔުނިޓުގެ ޓެބާއި، އެސްއޯޖީގެ ފްލޭޝް އަދި އެސްއޯޖީގެ ބެރޭ ހަވާލުކުރައްވާފަ އެވެ. މީގެއިތުރުން ތަމްރީނު ފުރިހަމަކޮށް، ޓެބް ހާސިލްކުރި މެރިން ސިފައިންނަށް މި ރަސްމިއްޔާތުގައި ވަނީ މަގާމުގެ ކުރިއެރުން ހަވާލުކޮށްދެއްވާފަ އެވެ. ތަމްރީނު ފުރިހަމަކުރި އެސްއޯޖީގެ ސިފައިންނަށް ބެރޭއާއި މަގާމުގެ ކުރިއެރުން ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރު މާރިޔާ އެވެ. އަދި، މަގާމުގެ ރޭންކު ހަވާލުކޮށްދެއްވީ ސިފައިންގެ އާއިލާތަކުގެ މެންބަރުންނެވެ.

މި ރަސްމިއްޔާތުގައި އެސްއޯޖީ މެރިންސް އަށް އެސްއޯޖީގެ ބެޖާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ. އެސްއޯޖީގެ ޓެބް ހަރުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.