މާރިޔާ އަހުމަދު ދީދީ

ދިވެހީންގެ ތަބީއަތަކީ ހުރިހާ ގައުމުތަކާ ގުޅުން ބޭއްވުން: މާރިޔާ

ދިވެހިންގެ ހަގީގީ ތަބީއަތަކީ ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ބަލައި ހިކުމަތްތެރި ކަމާ އެކީ ހުރިހާ ގައުމުތަކާ ގުޅިގެން އެކުވެރިކަމުގެ ރޫހެއްގައި މަސައްކަތް ކުރުން ކަމަށް މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ އެމްއެންޑީއެފް މެރިން ކޯ އިން މުޅިން އަލަށް އެކުލަވާލައި ހިންގި ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް ކޮލިފިކޭޝަން ކޯސް ނިންމުމަށް ގިރިފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރު ވިދާޅުވީ ދިވެހީންނަކީ ޒަމާނުއްސުރެ ސުލްހަޔާއި އަމާން ކަމަށް ލޯބިކުރި ބައެއް ކަމަށެވެ. އަދި ދިވެހީންގެ ހަގީގީ ތަބީއަތަކީ ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ބަލައި ހުރިހާ ގައުމުތަކާ ގުޅިގެން އެކުވެރިކަމުގެ ރޫހެއްގައި މަސައްކަތް ކުރުން ކަމަށެވެ.

"އަޅުގަނޑުމެން ދިވެހިންގެ ގޮތަކީ އަބަދުވެސް އަޅުގަނޑުމެންގެ ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ބަލާ ހިކުމަތްތެރި ކަމާ އެކީ ހުރިހާ ގައުމުތަކާ ގުޅިގެން އެކުވެރިކަމުގެ ރޫހެއްގައި މަސައްކަތް ކުރުން. މިވީހާ ތަނަށްވެސް އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަމާއި ސިޔާދަތާ އަދި މިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން މިގޮތުގައި ކަށަވަރުކޮށް ދަމަހައްޓަމުން އައިސްފައިވުމުގެ ސިއްރަކީ މީ. އަޅުގަނޑުމެން ދިވެހިންގެ ހަގީގީ ތަބީއަތަކީވެސް މިއީ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދިފާއީ ސިޔާސަތުގެ އަސްލަކީވެސް މިއީ،" މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާގެ ވާހަކަފުޅުގައި ސިފައިންގެ އާއިލާތަކުގެ މެންބަރުންގެ ގުރުބާނީއަކީ އެއްވެސް ތަރާދަކުން ކިރޭ ވަރަށްވުރެ މާ ބަރު މާ އަގު ބޮޑު ގުރުބާނީ އެއް ކަމަށް ވިދާޅުވިއެވެ. އަދި ކޯސް ފުރިހަމަކުރި ސިފައިންގެ ކޮނޑުގައިވާ ޓެބާއި މޭމަތީގައިވާ ބެޖާއި ބޮލުގައިވާ ބެރޭއިން ރަމްޒުކޮށްދެނީ އެމީހުންގެ ކޮނޑާއި މެ އާއި ބޮލުގައި އެޅިފައިވާ ޒިންމާގެ މަތިވެރިކަމާއި މަސްއޫލިއްޔަތުގެ ބުރަކަން ކަމަށް އެކަމަނާ ވިދާޅުވިއެވެ.