ޔުކްރޭން އީޔޫގައި ބައިވެރިކޮށް ދެއްވުމަށް އެދިވަޑައިގެން، ޔުކްރޭންގެ ރައީސް ލަޑިމިއާ ޒީލިއަންސްކީ ރަސްމީކޮށް ސޮއި ކުރައްވައިފި އެވެ.
ޒީލިއަންސްކީ ޔޫރަޕިއަން ޔޫނިއަށް ގޮވާލެއްވީ ހަމަ ވަގުތުން ވަގުތަށް މެމްބަރުކަށް ދެއްވުމަށެވެ. އޭނާ ވިދާޅުވީ އީޔޫގައި ގައުމުތަށް ބައިވެރި ކުރެވޭ ޚާއްސަ އަދި އަވަސް އުސޫލުތަކެއް އޮންނަ ކަމަށާއި އެކަމުގައި އޮތް އެންމެ އަވަސް އުސޫލަކުން ޔުކްރޭނާ މެދު އަމަލުްކޮށް ދެއްވުމަށެވެ.
ރަޝީއާގެ މުށުތެރެއިން ސަލާމަތްވާ އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ. އެނޫން ގޮތެއްގައި ހަނގުރާމަ ހުއްޓާލާފައި ރަޝިއާ ފައިބައިގެން ނުދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އީޔޫގެ މެމްބަރުކަމަށް ޒީލިއަންސީ އެދިވަޑައި ގެންނެވިއިރު، ރަޝިއާއާ ޔުކްރޭން ސުލްހައިގެ މަޝްވަރާތަކަށް އޮތީ ތައްޔާރަށެވެ.
މަޝްވަރާތަކުގެ ފުރަތަމަ ބުރު މިހާރު ނިމިފައިވާއިރު ހަނގުރާމަ ހުއްޓާލުމަށް އެއްބަސް ވެވިފައެއް ނުވެ އެވެ. ދެގައުމުން އެއްބަސްވީ ކޮޅެއްގައި ޖެހެންދެން މަޝްވަރާ ކުރުމަށް އަދި ދެވަނަ ބުރެއް ބޭއްވުމަށެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވި ގޮތުން ތިންވަނަ ގައުމަކުން ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ ހާލަތު މުޅިން ބަދަލުވެގެންދާނެ އެވެ. އަދި ރަޝިއާއިން މިހާރު ހިންގާ ޚާއްސަ އޮޕަރޭޝަންގައި ހަނގުރާމައިގެ ސިފަޖެހޭނެ އެވެ.