ވިލިމާލެ

ވިލިމާލޭގައި މާރުކޭޓެއް ހަދަން ބަޔަކު ހޯދަނީ

Feb 28, 2022

ވިލިމާލޭގައި މާރުކޭޓެއް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވަނީ އެ ކައުންސިލުން އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތައް އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފަ އެވެ.

މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި "ކަނބަލުންގެ އުފެއްދުންތެރިކަމާއި ތަރުކާރީ މާރުކޭޓު" ގާއިމުކުރުމަކީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެކެވެ.

އިމާރާތްތައް އެޅުމަށް ޝައުގުވެރިވާ ދިވެހި ކުންފުންޏެއްނަމަ ސެކިއުރިޓީއެއްގެ ގޮތުގައި 50،000 ރުފިޔާ އަދި ބޭރުގެ ކުންފުންޏެއް ނަމަ 4،000 ޑޮލަރު ހުށަހަޅަންޖެހެ އެވެ.

ވިލިމާލޭގައި މާރުކޭޓް ހެދުމަށް ހަމަޖެހިފައިވަނީ 10،000 އަކަފޫޓް ބިމެއްގަ އެވެ.

މާލެ ސިޓީ ކައުންސިލުން ހަދާފައިވާ އެއްވެސް މާރުކޭޓެއް މިވަގުތު ވިލިމާލޭގައި ހިންގަމުން ނުދެ އެވެ. އެކަމަކު ވިލިމާލޭގައި ވަގުތީ ލޯކަލް މާރުކޭޓެއް ހެދުމަށް ބޭނުންވާތީ އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މިދިޔަ ޑިސެމްބަރު މަހު ކައުންސިލުން ހުޅުވާލި އެެވެ. ނަމަވެސް އެ މަސައްކަތް ވިލިމާލޭގައި އަދި ފަށާފައެއް ނުވެ އެވެ.