އުރީދޫ

ހުރިހާ ސިއްހީ މަރުކަޒަކަށް އުރީދޫން ހެލްތު ކިޓް ހަދިޔާކުރަނީ

Mar 1, 2022

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަކަށް ހެލްތު ކިޓްތަކެއް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އުރީދޫ އިން ރާއްޖޭގެ 167 ހެލްތް ސެންޓަރު އަދި ހެލްތް ޕޯސްޓްތަަކަށް ފޮނުވަން ނިންމާފައިވަނީ ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓާ، ޕަލްސް އޮކްސިމީޓާ، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓާ އަދި ނެބިއުލައިޒާ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތަށް ހިމެނޭ ގޮތަަށް ތައްޔާރު ކޮށްފައިވާ ކިޓްތަކެކެވެ. މިއަހަރު ކުރީކޮޅުގައި އެތަކެތި ހެލްތް ސެންޓަަރުތަކަށް ފޯރުކޮށްދޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

އުރީދޫ އިން ހެލްތު ކިޓްތައް ހަދިޔާ ކުރަން ނިންމީ ހެލްތް މިނިސްޓަރު އަހްމަދު ނަސީމާއި އުރީދޫގެ މެނޭޖިން ޑިރެކްޓަރު ހާލިދު އަލް-ހަމާދީ އާއި ކުންފުނީގެ އިސް އޮފިޝަަަލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.

އުރީދޫން ބުނީ އެ ބައްދަލުވުމުގައި، ސިއްހީ ދާއިރާ ތަރައްގީކުރުމަށް އުރީދޫ އާއި ހެލްތް މިނިސްޓްރީގެ ބައިވެރިވުމާއި އެކު ކުރިއަށް ގެންދެވޭނެ ތަފާތު މަސައްކަތްތަކާއި ބޭހޭގޮތުން ވެސް މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކާއި، ރެކްރިއޭޝަނަލް ކްލަބްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތައް ސްޕޮންސަރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމައު އަހުލުވެރިކުރުވުމަށް އުރީދޫއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވާ އުރީދޫ ކަލާ ރަން އަކީ ހުރިހާ އުމުރުފުރައެއްގެ މީހުން ބައިވެރިވާ އެންމެ ބޮޑު އިވެންޓްް ކަން ވެސް ވަނީ ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ސަރުކާރުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ރައްކާތެރިކަމުގެ އާލާތްތަކުގެ އިތުރުން އޮކްސިޖަން ސިލިންޑަރާއި، އެންމެ ފަހުގެ ނެވިގޭޝަން އަދި މުވާސަލާތީ ނިޒާމު ހަރުކޮށްފައިވާ ތިން ސީ އެމްބިއުލާންސް ހެލްތު މިނިސްޓްރީ އަށް 2018 ވަނަ އަހަރު އެ ކުންފުނިން ވަނީ ހަދިޔާކޮށްފަ އެވެ.