ދުނިޔެ

ނައިޖީރިޔާގައި މަޖުބޫރުކޮށްގެން މިލިއަނެއްހާ ކުދިން ސްކޫލުން ކަނޑާލައިފި

ބޯކޯ ހަރާމުން ހަމަލާދޭނެ ކަމަށްބުނެ އިންޒާރު ދީގެން ނައިޖީރިޔާ އަދި އަވަށްޓެރި ގައުމުތަކުގެ ސްކޫލުތަކުން މިލިއަނެއްހާ ކުދިން ކަނޑާލައިފި އެވެ.

ޔުނިސެފުން އިއްޔެ އާއްމުކުރި ރިޕޯޓެއްގައި ބުނީ ނައިޖީރިޔާ، ޗެޑް، ނައިގާ އަދި ކެމަރޫންގެ 2،000 ސްކޫލެއް ބޯކޯ ހަރާމުން އިންޒާރުދީގެން ބަންދުކޮށްފައިވާ ކަމަށެވެ. އަދި "ހުޅަނގުގެ ތައުލީމް ހަރާމް ކަމަށް ބުނެ 100 އަށްވުރެ ގިނަ ސްކޫލަށް ހަމަލާތީ އެތަންތަން ލޫޓުވާލާ ސްކޫލްތަކުގައި އަލިފާން ރޯކޮށްފައިވާ ކަމަށް މި ރިޕޯޓުގައި ބުނެއެވެ.

ޔުނިސެފުން ބުނީ ތައުލީމުގެ މައްސަލަ އެ ސަރަހައްދުގައި ބޮޑުވެފައިވާ ކަމަށާއި އެތައް ކުދިންނެއް ތައުލީމް އުނގެނުމުން މަހުރޫމްވެފައިވާ ކަމަށެވެ.

ހަތިޔާރު އެޅި މިގްރޫޕުންދަނީ ކުޑަކުދިންނަށް ޖސްމާނީ ގޮތުންނާއި ޖިންސީ ގޮތުން އަދި ނަފްސާނީގޮތުން ކުދިންނަށް އަނިޔާ ދެމުންނެވެ. ޖިންސީ ގޯނާ ކުރުމުގެ އިތުރުން މަޖުބޫރުން ކައިވެނި ކުރުވުމާއި، އަދި އަނިޔާވެރި ގޮތްގޮތަށް ކުދިން މަރައި، ލާއިންސަނީ އަމަލުތައް ހިންގަމުން ދާތީ ގިނަ ބެލެނިވެރިން ކުދިން ސްުކޫލަށް ނުފޮނުވާ ކަމަށް ޔުނިސެފުން އާއްމުކުރި މި ރިޕޯޓުގައި ބުނެއެވެ.

"އެސަރަހައްދުގެ ގިނަ ބެލެނިވެރިން އެމީހުންގެ ކުދިން ސްކޫލަކަށް ނުފޮނުވާ. އެމީހުންނަކަށް ނޭނގޭ އެމީހުންގެ ދަރިފުޅާއި ދޭތެރޭ ކަންތައް ކުރާނެ ގޮތެއް. ބިރުވެރިކަމެއްގެ ތެރޭގައި ބެލެނިވެރިން ތިބެނީ. ބައެއް މީހުން އެމީހުންގެ ދަރިން ސްކޫލަށް ނުފޮނުވާތާ ދެއަހަރު ވަރު ވެއްޖެ. ސްކޫލްތަކަށް ބޮމުގެ އަދި އެހެނިހެން ހަމަލާތައް ދޭތީ ކުދިން ސްކޫލަށް ފޮނުވަން ބިރުގަނޭ. އެކުދިންވެސް ތައުލީމް ހާސިލް ކުރަން ބޭނުންވޭ." ޗޮއިސް ފޯ ޕީސް ޖެންޑަރ އެންޑް ޑިވެލޮޕްމެންޓް އޮފް އެންޖީއޯ ޑަމާޗަގެ އެގްޒެކިޔުޓިވް ޑިރެކްޓަރ ހަފްސަތް މައިނާ މުހައްމަދު އަލްޖަޒީރާ އަށް ބުނެފައިވެ އެވެ.

ނައިޖީރިޔާ އަކީ ތައުލީމް ހާސިލް ކުރާ އުމުރުގެ ކުދިންނަށް އެފުރުސަތު ނުލިބޭ ކުދިން ދެވަނަ އަށް އެންމެ ގިނަ ގައުމެވެ.

ބޯކޯ ހަރާމުން ސްކޫލްތަކަށް ދިން ހަމަލާތަކުގައި ނައިޖީރިޔާއިން އެކަނިވެސް 600 އެއްހާ ޓީޗަރުން ވަނީ މަރާލާފައެވެ. އެޖަމާއަތުން ސްުކޫލްތަކަށް އަމާޒުކޮށްގެން ހަމަލާދޭން ފެށީ 2009 ވަނަ އަހަރު އެވެ.

އެޖަމާއަތުން ދިން އެކި އެކި ހަމަލާތަކުގައި މިހާތަނަށް 20،000 މީހުން މަރުވެފައިވާއިރު 800،000 އަށްވުރެ ގިނަ ކުޑަކުދިން ހާލުގައި ޖެހި ހިޖުރަ ކުރަން ޖެހިފައިވެ އެވެ.