ދުނިޔެ

ރަޝިޔާގެ ހަމަލާތަކެއްގައި ސީރިޔާގެ 200 މީހުން މަރުވެފައިވޭ

ރަޝިޔާއިން ސީރިޔާއަށް ދިން ވައިގެ ހަމަލާތަކެއްގައި މިހާތަނަށް ސީރިޔާގެ 200 މީހުން މަރުވެއްޖެ އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން އާންމުކުރި ރިޕޯޓްގައި 30 ސެޕްޓެމްބަރު އިން 29 ނޮވެމްބަރާއި ދެމެދު ރަޝިޔާއިން ސީރިޔާގެ ފަސް ސަރަހައްދަކަށް 25 ހަމަލާދީފައިވާ ކަމަށް ބުނެ އެވެ.

އެމްނެސްޓީން ބުނީ މިހަމަލާތަކުން ރަޝިޔާ ވަނީ "ބައިނަލް އަގްވަމީ އިންސާނީ ހައްގުތަކާއި ބެހޭ ގާނޫނަށް އަމަލު ކުރަން ފެއިލް" ވެފައިވާ ކަން ދޭހަވާ ކަމަށެވެ.

އެހެން ނަމަވެސް ރަޝިޔާއިން ބުނީ އައިސިސް ހަނގުރާމަވެރިންނަށް އަމާޒުކޮށް ސީރިޔާއަށް އެގައުމުން ދޭ ހަމަލާތަކުގައި ކުށެއް ނެތް އާއްމުން މަރުވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ.

ރަޝިޔާއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނ ަދުވަހު ސީރިޔާއަށް ހަމަލާދޭން ފަށާފައިވަނީ ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ އެދިވަޑައިގަތުމުގެ މަތިންނެވެ.

މިދިރާސާ ރިޕޯޓްގައި އެމްނެސްޓީން ބުނީ ރަޝިޔާއިން އެންމެ ގިނަ ވައިގެ ހަމަލާތައް ދީފައިވާ ހޮމްސް، ހަމާ، އިދްލީބް، ލަޓާކިއާ އަދި އަލެއްޕޯ އަވަށަށް ދީފައިވާ ހަމަލާތައް އެގްރޫޕުން ދިރާސާކޮށްފައިވާ ކަމަށާއި ފޯނު އަދި އިންޓަނެޓުގެ އެހީގައި ސީރިޔާގައި ދިރިއުޅޭ މީހުންނާއި ސުވާލުކޮަށް މައުލޫމާތު ހޯދާފައިވާ ކަމަށެވެ.

ރަޝިޔާއިން ހަމަލާދިނުމުގައި މީހުން އެންމެ ގިނަ ސަރަހައްދުތައް ބަލައި ފާހަގަކުރ ާކަމަށް އެމްނެސްޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މި ރިޕޯޓާއި ގުޅިގެން ރަޝިޔާއިން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ. ސީރިއާ ހަނގުރާމައިގައި މިހާތަނަށް ވަނީ 250،000 މީހުން މަރުވެ މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.