ޔުކްރޭންގެ ރައީސް ލަޑިމިއާ ޒީލިއަންސީ ޔޫރަޕިއަން ޔޫނިއަށް އާދޭސް ދަންނަވައިފި އެވެ. ޔުކްރޭން ދޫކޮށްނުލުމަށާއި ޔުކްރޭނަށް ދެރަގޮތެއް ނުހެދުމަށް އެދިވަޑައިގެން ޒީލިއަންސްކީ ވިދާޅުވީ ޔުކްރޭނާއެކު ޔޫރަޕިއަން ޔޫނިއަން ގާބިލު ބަޔަކަށް ވާނެ ކަމަށާއި ހައިބަތު ބޮޑުވެގެން ދާނެ ކަމަށެވެ.
ޔުކްރޭނަށް ރަޝިއާ ދެމުންގެންދާ ހަމަލާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޔޫރަޕިއަން ޕާލަމެންޓްގައި އޮތް ބައްދަލުވުމެއްގައި ވީޑިއޯ މެދުވެރިކޮށް ވާހަކަދައްކަވަމުން ޒީލިއަންސްކީ ވިދާޅުވީ ޔުކްރޭނަށްޓަކައި މުޅި ޔޫރަޕް އެކަތިގަނޑަކަށް ވެފައި އޮތްތަން ފެނިވަޑައިގަންނަވާ ކަމަށާއި އެކަމާ ވަރަށް އުފާކުރައްވާ ކަމަށެވެ.
ޒީލިއަންސްކީ ވިދާޅުވީ ޔޫރަޕާއެކު ޔުކްރޭން ދެމެހެއްޓި ސިޔާސަތަށް މިހާބޮޑު އަގެއް ދައްކަން ޖެހިވަޑައި ގެންފާނެކަން ހިއްޕުޅަށް ވެސް އަރާ ވަޑައިގެންފައި ނުވާ ކަމަށެވެ.
ޒީލިއަންސްކީ ވިދާޅުވި ގޮތުން ޔުކްރޭނަށް މިވަރުގެ ހާލަތެއް ރަޝިއާ ޖައްސާނެކަން އެއްގޮތަކަށް ވެސް އެނގި ވަޑައިގެންފައި ނުވާ ކަމަށެވެ.
ޒީލިއަންކީ ވިދާޅުވީ ރަޝިއާގެ ހަމަލާތަކުން މުޅި ޔުކްރޭން ސުންނާފަތި ވެއްޖެ ކަމަށާއި، ކުދިބޮޑު އެތައް ބަޔަކު މަރުވެއްޖެ ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަންގެ ކިބައިން ޒީލިއަންސްކީ އެދިވަޑައިގަތީ ޔުކްރޭނަކީ ޔޫރަޕަށް މުހިންމު ގައުމެއްކަން ދުނިޔެއަށް ދެއްކުމަށެވެ. އަދި ޔޫރަޕުން ޔުކްރޭނަށް އަޅާލާކަން ދުނިޔެއަށް ސާބިތުކޮށް ދިނުމަށެވެ.