ނ. އަތޮޅުގައި އިސްރާފުކުރާ ސާމާނު މަދުކޮށް، އެފަދަ ތަކެތި އަލުން ބޭނުންކުރެވޭނެ ގޮތެއް ހެދުމަށްޓަކައި ނ. އަތޮޅު ކައުންސިލާއި ސޮނެވާ ނަމޫނާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމަކީ ނ. އަތޮޅުގައި އިސްރާފުވެ ބާކީކޮށް އުކާލެވޭ ތަކެއްޗާ ސާމާނު މަދުކޮށް، އެފަދަ ތަކެތި އަލުން އިގްތިސާދުގެ ތެރެއަށް އަނބުރާ ގެނެސް ބޭނުންކުރުން އިތުރުކުރުމަށް ނ. އަތޮޅު ކައުންސިލުން ކަނޑައަޅާފައިވާ ޕްލޭން ތަންފީޒު ކުރުމަށްޓަކައި ސްޓްރެޓެޖިކް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް ސޮނެވާ ނަމޫނާއާ އެކު ސޮއިކުރެވުނު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގް (އެމްއޯޔޫ)އެއް ކަމަށް އަތޮޅު ކައުންސިލުން ބުނެ އެވެ.
ނ. އަތޮޅު ކައުންސިލްގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު އެވެ. ސޮނެވާ ނަމޫނާގެ ފަރާތުން ސޮއި ކުރެއްވީ ސޮނެވާ ނަމޫނާގެ އޮޕަރޭޝަންސް އެންޑް ކޮމިއުނިޓީ އެންގޭޖްމެންޓް ޑިރެކްޓަރު ކެޓެރްޒީނާ މަރިއާ އިޒީޑޮޒީކް އެވެ.
އަންގާރަ ދުވަހު ނ. އަތޮޅު ކައުންސިލް އިދާރާގައި އޮތް ރަސްމިއްޔާތުގައި ބަޝީރު ވިދާޅުވީ އިސްރާފްވެ ބޭކާރުވެގެންދާ ސާމާނު ދެނެގަނެ އަލުން ބޭނުންކުރެވޭނެ ގޮތްތަކެއް ހެދުމަކީ ކައުންސިލްގެ ސިޔާސަތު ކަމަށެވެ. ނ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގައި އިސްރާފު ކުރާ ތަކެތީގެ މައްސަލަ ހައްލުކުރުމަށާ ރިސޯޓްތަކާއި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށްވެސް އެ ހިދުމަތް ފުޅާކޮށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
"އިސްރާފުވާ ތަކެއްޗާ ސާމާނު އަނބުރާ ބޭނުންކުރުމަށް މި އެމްއޯޔޫއާ އެކު މި އަތޮޅަށް އެހީތެރިކަން ލިބިގެންދާނެތީ އަޅުގަނޑު އުފާކުރަން. އަދި މި މަސައްކަތުން ދަސްވާ ފިލާވަޅުތަކުން އަޅުގަނޑުމެންނެކޭ އެއްފަދައިން އެހެން ކައުންސިލްތަކަށްވެސް މި މައްސަލަ ހައްލުކުރުމަށް ރަނގަޅު އަދި އެހެން ގޮތްތަކެއް ހޯދާ އެއްބަޔަކު އަނެއް ބައެއް ގާތުން ހިތްވަރު ހޯދާ ހައްލު ހޯދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" ބަޝީރު ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި މަރިއާ ވިދާޅުވީ ނ. އަތޮޅުގައި އުފެދޭ ކުނީގެ މައްސަލަ ދެމެހެއްޓެނިވި ގޮތަކަށް ހައްލުކުރުމުގެ މަސައްކަތް ފެށިގެން ދާތީ އެކަމާ އުފާކުރައްވާ ކަމަށެވެ.
"ނޫނު އަތޮޅު ކައުންސިލްގެ އިސް ނެންގެވުމާއެކު، އަޅުގަނޑުމެން މިތިބީ އެބޭފުޅުންނާއެކު މި މަސައްކަތް ފަށަން ތައްޔާރުވެފަ. މި މަސައްކަތާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލެވޭނެ ނިޒާމު މުޅި އަތޮޅު ތެރެއަށް ފެތުރި ގާއިމުކުރެވިގެންދާނެ." މަރިއާ ވިދާޅުވި އެވެ.
އެމްއޯޔޫގެ ދަށުން ނ. އަތޮޅުގައި އިސްރާފުގެ ގޮތުގައި އުކާލާ ކުނި ދެމެހެއްޓެނިވި ގޮތަކަށް އަލުން އަނބުރާ ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި އަތޮޅު ކައުންސިލަށް ބޭނުންވާ ފަންނީ އަދި ސްޓްރެޓަޖިކް އެހީތެރިކަމުގެ އިތުރުން މަސައްކަތަށް ބޭނުންވާ ތަކެތި ވެސް ސޮނެވާ ނަމުނާ އިން ފޯރުކޮށްދޭނެ އެވެ.
ސޮނެވާ ނަމޫނާ އިން މިހާރުވެސް ގެންދަނީ ނ. އަތޮޅުގެ ތިން ރަށެއްގައި ކުނި ނައްތާލުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިވަމުންނެވެ. އެގޮތުން ކުޑަފަރި، ޅޮހި އަދި މަގޫދޫގައި އެ މަސައްކަތް ދަނީ ކުރަމުންނެވެ.
ސޮނެވާ ނަމޫނާގެ އެހީތެރިކަމާއެކު ކުޑަފަރީގައި ފެން ބަންދު ކުރާ ފެސިލިޓީއެއް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން އެ ރަށުގައި ބޯން ބޭނުންކުރާ ފެން އެއް ލީޓަރުގެ ބިއްލޫރި ފުޅީގައި ނުވަތަ ރީޔޫސަބަލް ޕްލާސްޓިކް ފުޅީގައި ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.