ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަތަރުވަނަ އަހަރީ ދުވަހާ ގުޅިގެން އައިޕީޑީ ސާޖަރީ ތަކުގެ އަގު ހެޔޮކޮށްފި އެވެ.
އަގުހެޔޮ ކުރި ހިދުމަތްތަކުގެ ތެރޭގައި އާއްމު އޮޕަރޭޝަން ތަކަށް ހާއްސަ ނުވަތަ ޖެނަރަލް ސާޖަރީ، ނާރުގެ ސާޖަރީ ނުވަތަ ނިއުރޯ ސާޖަރީ، އެތެރެ ހަށީގެ ބޭސް ނުވަތަ އިންޓާނަލް މެޑިސިން، އަންހެނުންގެ ހާއްސަ ނުވަތަ އޮބްސްޓެޓްރިކްސް އަދި ގައިނެކޮލޮޖީގެ އިތުރުން ކަށީގެ ބަލިތަކަށް ހާއްސަ ނުވަތަ އޮރްތޯޕެޑިކްސް ހިމެނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން އަހަރީ ދުވަހަށް ހާއްސަކޮށް އައިޕީޑީ ސާޖަރީ ހިދުމަތްތަކުގެ އަގު ހެޔޮކޮށްފައި މިވަނީ އެންމެ މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ގެންދަނީ ރާއްޖޭގެ ހުރިހާ އިންޝުއަރެންސް ކުންފުނި ތަކުގެ އިތުރުން އިންޓަނޭޝަނަލް އިންޝުއަރެންސް ކުންފުނިތަކުގެ ކޭޝްލެސް ސިއްހީ ފަރުވާގެ ހިދުމަތް ވެސް ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން އެންސްޕާ އަދި އާސަންދައިގެ އެހީގައި ހޮސްޕިޓަލުގެ ހިދުމަތްތައް ކަވަރު ކޮށްދިނުމުގެ އިންތިޒާމު ވެސް ހަމަޖައްސައިދީފައިވެ އެވެ. އެކަމުގެ ސަބަބުން ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ މީހުންނަށް ވަކިން ހާއްސަކޮށް ދިވެހިންނަށް ހިދުމަތް ހޯދުމަށް ފަސޭހަ ވެގެންދާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ހުރި މަލްޓި-ސްޕެޝަލިޓީ ހިދުމަތްތައްދޭ އަދި ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން ގެންދާ އަމިއްލަ އެންމެ ބޮޑު އެއް ހޮސްޕިޓަލެވެ.
އެ ހޮސްޕިޓަލުން މިހާރުވެސް ގެންދަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެ އެވެ.