ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕާއި ޔުނިސެފް އެމްއޯޔޫއެއްގައި ސޮއިކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލާއި ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑު (ޔުނިސެފް) އިން ދުޅަހެޔޮ ސިއްހަތާމެދު ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކެއް ބޭއްވުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުގައި މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން، ކުޑަކުދިންނާއި އާލިއާތަކަށް ރަނގަޅު ސިއްހަތާއި ދުޅަހެޔޮކަމާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، އިމިއުނައިޒޭޝަންގެ ރައްކާތެރިކަމާއި މުހިއްމުކަން ބުނެދިނުމާއި، ކުޑަކުދިންނަށް ނާސްތާ ދިނުމުގެ މުހިއްމުކަމާ ބެހޭގޮތުން މުޖުތަމައު ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރާނެ ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.

މި ޕްރޮގްރާމްތައް ޓްރީޓޮޕް ހޮސްޕިޓަލާއި ބައެއް ސްކޫލްތަކުގައި ވެސް ހިންގުމަށް ހަމަޖެހިފައިކަމަށް އެ ހޮސްޕިޓަލުގެ މާކެޓިން އެގްޒެކެޓިވް އަބްދުﷲ އަވްސަމް ވިދާޅުވި އެވެ.

މީގެ އިތުރުން، ޓްރީޓޮޕް އާއި ޔުނިސެފް އަދި ހެލްތު މިނިސްޓްރީ ގުޅިގެން ޓްރީޓޮޕް އަކީ ބޭބީ ފްރެންޑްލީ ހޮސްޕިޓަލަކަށް ހެދުމަށް އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރުމަށްވެސް އެއްބަސް ވެފައި ވެ އެވެ. އެގޮތުން، ވިހެއުމަށްފަހު ގާތުން ކިރުދިނުމަށް ބާރު އެޅުމާއި، ދަރިފުޅާއި މައިމީހާ އާއި ދެމެދު ހަމާއި ހަމުގެ ގުޅުން ދެމެހެއްޓުމަށް ހޭލުންތެރިކުރުން ހިމެނެ އެވެ.

އަދި، ދިވެހި ސަރުކާރާ ގުޅިގެން ދަތުގެ ފަރުވާ މާލޭގެ ސްކޫލްތަކަށް ފޯރުކޮށްދިނުމަށް އަމާޒުކޮށްފައިވާ ކަމަށްވެސް ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ބުންޏެވެ.