ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އާއި ޔުކްރޭންގެ ރައީސް ލަޑިމިއާ ޒީލިއަންސްކީ އެއްމޭޒު ދޮށަށް ގެނެވޭތޯ ތުރުކީއާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބެލަރޫސްގެ ރައީސް އެލެގްޒެންދަރު ލޫކަޝެންކޯ ވިދާޅުވެއްޖެ އެވެ.
ޔުކްރޭނަށް ރަޝިއާ ދެމުން ގެންދާ އަސްކަރީ ހަމަލާތައް ދިގުލައިގެން ދިޔަ ނުދިނުމަށް އޮތީ މަޝްވަރާ ކަމަށް ލޫކަޝެންކޯ ވިދާޅުވި އެވެ. ލީޑަރުން މަޝްވަރާ އިސް ކުރެއްވުމަށް އެތައް ފަހަރަކު އާދޭސް ދެންނެވިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަލަމަތިން ހަނގުރާމަ ފާޅުވެފައި އޮތް ދުވަސްވަރު ތުރުކީގެ ރައީސް ރަޖަބް ތައްޔިގު އުރުދުޣާން ވިދާޅުވި ގޮތުން އަރައިރުން ނުވެ ސަލާމަތް ވެވެން އޮތީ މަޝްވަރާ ކޮށްގެންނެވެ. އަދި ދެ ލީޑަރުން މަޝްވަރާއަށް ފަހި ކޮށްދޭން ތުރުކީ ތައްޔާރު ކަމަށް ވެސް އޮތީ ވިދާޅުވެފަ އެވެ.
ލޫކަޝެންކޯ ވިދާޅުވި ގޮތުން އޭނާ ވާނީ ދެ ގައުމުގެ ވަފުދުތަކަށް މަޝްވަރާ ކުރެވޭނެ ގޮތް ތަނަވަސްކޮށް ދެއްވާފަ އެވެ. އަދި ވިދާޅުވި ދެ ލީޑަރުން ވެސް އެމަގު އިޚުތިޔާރު ކުރެއްވުން ބުއްދިވެރި ކަމަށް ދެކެވަޑައި ގަަންނަވާ ކަމަށެވެ.
ބެލަރޫސްގެ ރައީސް ވިދާޅުވި ގޮތުން އުރުދުޣާނަކީ ޕޫޓިންއާ އަދި ޒީލިއަންސްކީއާ ވެސް ވަރަށް ގާތް ގުޅުމެއް ދަމަހައްޓަވާ ބޭފުޅެކެވެ. ދެ ލީޑަރުންގެ އަރިހުގައި އުރުދުޣާންއަށް ވިދާޅުވާން ކެރިވަޑައި ނުގަންނަވާ ވާހަކައެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެން ނަމަވެސް، މަޝްރަހު އޮތީ އަދި ގުޑުވައިލެވޭ ގޮތަށް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ލޫކަޝެންކޯ ވިދާޅުވި އުންމީދަކީ ޕޫޓިންއާ ޒީލިއަންސްކީ މަޝްވަރާ ކުރެއްވުން ކަމަށާއި ތުރުކީއާ ބެލަރޫސްއިން މަގު ތަނަވަސްކޮށް ދެއްވާނެ ކަމަށެވެ.