ތަރިކަ

ޝަރަފްވެރި ލިސްޓެއްގައި މީދޫ ކޯގަންނު ގަބުރުސްތާން

Mar 2, 2022

އައްޑޫ ސިޓީގެ މީދޫގައި ހުންނަ ކޯގަންނު ގަބުރުސްތާނު ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ހިމަނައިފި އެވެ.

ދުނިޔޭގައި އާސާރީ ގޮތުން ފާހަގަކުރެވޭ 25 ތަނެއްގެ ތެރޭގައި ކޯގަންނު ގަބުރުސްތާން ހިމަނާފައިވަނީ އެ ލިސްޓުގައި ހިމަނަން ފޮނުވި 225 ތަނެއްގެ ތެރެއިންނެވެ.

ދުނިޔޭގެ އާސާރުތައް ހިމާޔަތް ކުރުމަށް މާލީ އެހީ ފޯރުކޮށްދޭ ވޯލްޑް މޮނިއުމަންޓް ފަންޑްގެ ލިސްޓުގައި ކޯގަންނު ގަބުރުސްތާން ހިމެނީ ދެ އަހަރުގެ މުއްދަތަކަށެވެ.

ތާރީހީ ބައެއް ލިޔުންތަކުން އެނގޭ ގޮތުގައި ކޯގަންނު ގަބުރުސްތާނަކީ ރާއްޖެ އިސްލާމުވުމަށްފަހު މީހުން ވަޅުލުމަށް ހާއްސަކޮށްގެން ގަބުރުސްތާނެއްގެ ގޮތުގައި ރާއްޖޭގައި އެންމެ ފުރަތަމަ ހެނދުނު ކަމަށް ބުނާ ގަބުރުސްތާނެކެވެ. އިހުޒަމާނުގައި ހަދާފައިވާ ތަފާތު ވައްތަރުގެ މަހާނަގާތައް އެންމެ ގިނަ އިން ފެންނަ ތަނަކީ ވެސް ކޯގަންނު ގަބުރުސްތާން އެވެ.

ކޯގަންނު ގަބުރުސްތާންގައި 1500 އަށް ވުރެ ގިނަ މަހާނާ ހުރިއިރު ރާއްޖޭގައި ފާހަގަކުރެވޭ މަޝްހޫރު ދަންނަ ބޭކަލުން ހާފިޒުން އެ ގަބރުސްތާންގައި ވަޅުލާފައިވެ އެވެ.

ހެރިޓޭޖު މިނިސްޓްރީން ބުނީ ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ކޯގަންނު ގަބުރުސްތާނު ހިމެނުމާ ގުޅިގެން އެތަން ހިމާޔަތް ކުރުމަށް ކުރާ މަސައްކަތުގައި ފައިސާގެ އެހީ ލިބި އެތަން ބެލެހެއްޓުމުގައި ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

ކޯގަންނު ގަބުރުސްތާނާއި އިންވެގެން އޮތް ބިމުގައި ހެރިޓޭޖް ކޮމްޕްލެކްސްއެއް ހެދުމަށްވެސް ސަރުކާރުން ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޯގަންނު ގަބުރުސްތާންގައި ހުންނަ ފަނޑިޔާރު މިސްކިތަކީ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ހިމެނުމަށް ސަރުކާރުން ހުށަހަޅާފައިވާ މިސްކިތެކެވެ.