މީގެ ތިން ދުވަސް ކުރިން ޗައިނާގެ ޝެންޒެން ސިޓީގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި ގެއްލިފައިވާ މީހުންގެ ތެރެއިން 19 އަހަރުގެ މީހަކު ދިރިހުއްޓާ ސަލާމަތްކޮށްފި އެވެ.
އެހާދިސާ ހިނގިތާ 60 ގަޑިއިރު ފަހުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުން ސަލާމަތްކޮށްފައިވަނީ އުމުރުން 19 އަހަރުގެ ފިރިހެނެކެވެ.
19 އަހަރުގެ ޓިއާން ޒެމިންގ ސަލާމަތް ކުރުމަށް ދެ ގަޑިއިރު ހޭދަކޮށްފައިވެ އެވެ. ޓިއާން ސަލާމަތްކުރި އިރު އޭނާގެ ހާލު ވަރަށް ދެރަ ނަމަވެސް މިހާރު އޭނާގެ ހާލު ސްޓޭބަލް ވަމުން އަންނަ ކަމަށާއި އޭނާގެ އެއްފައި ސަލާމަތްވާނެ ކަމަށް ޑޮކްޓަރުން ބުނާ ކަމަށް ހަބަރުތައް ބުނެއެވެ.
ޓިއާން ވަނީ އަދިވެސް ދިރި މީހަކު އިމާރާތުގެ ދަށުގައި އޮތް ކަމަށް ބުނެފައެވެ. ނަމަވެސް އެމީހާ ފެނުނުއިރު އޮތީ މަރުވެފައި ކަމަށް އޮފިޝަލުން ބުނެ އެވެ.
މި ހާދިސާގައި 33 އިމާރާތް ވަނީ ބިމާއި ހަމަވެފަ އެވެ. މިހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ރެސްކިއު ވޯކާސް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިހާދިސާގައި ގެއްލުނު 70 މީހުން އަދިވެސް ނުފެނެ އެވެ.
ޗައިނާގެ ރައީސް ޒީ ޖިންޕިންގ ވަނީ ކަމާބެހޭ މުއައްސަސާތަކަށް ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެންމެ ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް އަންގާފަ އެވެ.
މި ހާދިސާގައި ބިމާ ހަމަވި އިމާރާތްތަކުގެ ތެރޭގައި ފެކްޓަރީ ތަކާއި، އޮފީސް އަދި ކެންޓީނާއި އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ އިމާރާތްތައް ހިމެނެ އެވެ.
ޝެންޒެން ސިޓީ އަކީ ޗައިނާގެ އެންމެ ކާމިޔާބު، ސްޕެޝަލް އިކޮނޮމިކް ޒޯން ކަމަށް ޗައިނާއިން ބުނެ އެވެ. މި ސިޓީ އަކީ އެގައުމުގެ ގިނަ ބަޔަކު ވަޒީފާ އަދާކުރަމުންދާ ސިޓީއަކަށް ވި ނަމަވެސް މިއަހަރު ތެރޭ އެއަވަށުގައި ގިނަ އަދަދެއްގެ "އިންޑަސްޓްރިއަލް" އެކްސިޑެންޓް ހިނގާފައިވާ ކަން ފާހަގަ ކުރެވެ އެވެ. އެހެން ކަމުން ގިނަ ބަޔަކު ވަނީ އެތަނުގެ ސަލާމަތީ ކަންކަން ހުރި މިންވަރާއި ބެހޭގޮތުން ސުވާލު އުފައްދާފަ އެވެ.
މިހާދިސާ ހިނގާފައިވަނީ ޗައިނާގެ ޓިއާންޖިން އަވަށުގައި ކެމިކަލް ވެއަރ ހައުސް އެއް ހިނގާ 200 މީހުން މަރުވި ހާދިސާ އެއް މިދިޔަ އޮގަސްޓްު މަހު ހިނގާފައިވަނިކޮށެވެ.