ކުޅުދުއްފުށި

އިންޖީނެއް ރޯވެ ކުޅުދުއްފުށިން ކަރަންޓު ކެނޑެނީ

ހދ. ކުޅުދުއްފުށި އިންޖީނުގޭގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައި ރަށުން ކަރަންޓު ކެނޑެން ފަށައިފި އެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އަވަސް އަށް ވިދާޅުވީ އަލިފާން ރޯވެފައި ވަނީ އެރަށު އިންޖީނުގައި ހުރި 1.2 މެގަވޯޓް އިންޖީނެއްގައި ކަމަށެވެ. އިންޖީނުގައި ހުޅު ހިފި ސަބަބު އަދި ދެނެގަނެވިފައި ނުވި ނަމަވެސް، ބޮޑަށް ބެލެވެނީ އަލިފާން ރޯވީ ލޯޑު ބޮޑުވެގެން ކަމަށް އާތިފް ވިދާޅުވި އެވެ.

އާތިފް ވިދާޅުވި ގޮތުގައި އިންޖީނުގައި ހުޅު ހިފިތާ މާގިނައިރު ނުވެ ތަނުގެ މުވައްޒަފުން އަލިފާން ނިއްވާލައިފި އެވެ. އިންޖީނުގެ ބޭރުން މާބޮޑު ގެއްލުމެއް ފެންނަން ނެތް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އިންޖީނު ފިޔަވައި އެހެން އެއްވެސް އެއްޗަކަށް އަދި އެތަނަށް ވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.

"އަދިވެސް އޭތި ދޮން ބޮޑުކަމުން އަތްލެވޭ ގޮތެއް ނުވޭ. އޭތި ރޫޅާލައިގެން ބެލީމަ ދެން ލިބިފަ ހުރި ގެއްލުން އެނގޭނީ،" އާތިފް ވިދާޅުވި އެވެ.

ހުޅު ހިފި ވަގުތު އެ ސިޓީއިން ކަރަންޓު ކެނޑުނު ނަމަވެސް މިހާރު ފެނަކަ އިން އަންނަނީ ކަރަންޓު ދެމުންނެވެ. އެކަމަކު އަވަސް އަވަހަށް ކަރަންޓު ކެނޑެމުން އަންނަ ކަމަށް ރަށުގެ ބައެއް މީހުން މައުލޫމާތު ދިނެވެ.

އާތިފް ވިދާޅުވި ގޮތުގައި ކަރަންޓު ދިނުމާއި ގުޅޭގޮތުންނާއި އިތުރު އިރުޝާދުތައް ފެނަކައިން ރައްޔިތުންނަށް ދެމުން ދާނެ އެވެ. އެކަމަކު މިވަގުތު ރަށުގައި ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް ވަނީ އެދިވަޑައިގެންފަ އެވެ. ދިމާވި މައްސަލައަށް ހައްލު ހޯދަން ވަގުތު ކޮޅެއް ނަގާނެ ކަމަށާއި ހައްލު ލިބެންދެން ވީހާވެސް މަދުން ކަރަންޓު ބޭނުންކުރުމަށް އެދިވަޑައިގަތެވެ.