ރިޕޯޓް

ދުނިޔޭގައި މަތިވާ ތެލުގެ އަގު: ބޮޑު ތަދެއް!

Mar 6, 2022
4

ޔޫކްރޭން- ރަޝިޔާ ތަޅާފޮޅައިގަތުންވީ ދުނިޔެ އަށް ސިހުން ގެނުވި ކަމަކަމަށެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ހިއްސާގެ ބާޒާރުތައް ދަށްވެގެން ގޮސްފައިވާއިރު މީގެ ފައިދާކުރީ ތެޔޮ އުފައްދާ ގައުމުތަކަށް އެކަންޏެވެ. ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އެ މީހުންގެ ޖީބަށް އެނގުންވިއިރު މިކަމުގެ ސަބަބުން ގެއްލުންވާ ބަޔަކީ ތެލަށް ބަރޯސާވެފައިވާ ރާއްޖެ ފަދަ ގައުމުތަކަށެވެ. މިދިޔަ އަހަރު އެކަނި ރާއްޖެއަށް ގާތްގަނޑަކަށް 400 މިލިއަން ރުފިޔާގެ ތެޔޮ އެތެތެކުރިއިރު ތެލުގެ އަގު މަތިވެގެން ދިއުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބޭ ގެއްލުމުގެ އަސަރު ބޮޑުވާނެ އެވެ. މީގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ތަކެއްޗާއި ހިދުމަތުގެ އަގަކަށެވެ. މީގެ ނޭދެވޭ އަސަރު ދައުލަތުގެ ބަޖެޓަށްކޮށް ހަރަދުތައް މަތިވެގެން ދާނެ އެވެ.

"ތެލުގެ އަގު މަތިވުމަކީ އެކްސްޕެންޑިޗާ މަތި ވެގެންދާނެ ކަމެއް. މިކަމުގެ ސަބަބުން ތެލުގެ ސަބްސިޑީ އަށް ބަޖެޓުން ކުރާ ހަރަދު އަންދާޒާ ކުރި ވަރަށްވުރެ އެތަށް ގުނައެއް މަތިވެގެންދާނެ،" މިނިސްޓްރީ އޮފް ފިނޭންސްގެ ޗީފް ފައިނޭޝަލް ބަޖެޓް އެގްޒެކެޓިވް އަހްމަދު ޝަރުވަޝް އަވަސް އަށް ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުގެ އެންމެ ނަމްބަރަށް ބަލައިލާނަމަ ތެލުގެ އަގު މަތިވުމާއެކު އަންނާނެ ތަދުގެ އަންދާޒާއެއް ކޮށްލެވެ އެވެ. މަސްވެރިންނަށްދޭ ތެލުގެ ސަބްސިޑީއާއި ކަރަންޓު އުފައްދަން ފެނަކަ އަދި ސްޓެލްކޯއަށްދޭ ސަބްސިޑީއަށް މި އަހަރު ހަރަދުވާނެ ކަމަށް ކުރިން އަންދާޒާ ކުރީ 300 މިލިއަން ރުފިޔާ އާއި 400 މިލިއަން ރުފިޔާ ވަރެވެ. ނަމަވެސް މިހާރު މި އަދަދު ހުންނާނެ ކަމަށް ބެލެވެނީ 600 މިލިއަން ރުފިޔާއާއި 700 މިލިއަން ރުފިޔާގައި އެވެ. މިއީ ބަޖެޓުގެ ހަރަދު މަތިވެ، ބަޖެޓް ޑެފިސިޓް އިތުރުވެގެންދާނެ ކަމެކެވެ.

"އިގްތިސޯދީ ގޮތުން ބަލާނަމަ މިއީ ބޮޑު މައްސަލައަކަށްވާނެ. ހާއްސަކޮށް ރަޝިއާ- ޔޫކްރޭންވޯގެ ސަބަބުން ޓޫރިޒަމްގެ އާމްދަނީ މަތިވާ ވަގުތެއްގައި ހަރަދު އިތުރުވާނަމަ ޑެފިސިޓް މަތިވާނެ. އެހެންވެ އެބައި ފައިނޭންސް ކުރަން ލޯނު ނެގުން ފަދަ އޮޕްޝަންތައް ހިޔާރު ކުރަން ޖެހޭނެ،" އިގްތިސޯދީ މާހިރަކު މިހާރުގެ ހާލަތާ ބެހޭގޮތުން ވާހަކަ ދައްކަމުން ވިދާޅުވި އެވެ.

މިއީ ދައުލަތުގެ ބަޖެޓަށް ކުރާނެ އަސަރުގެ ކުޑަ މިންވަރެކެވެ. މީގެ އިތުރުން ސަރުކާރުން ގިނަ މަޝްރޫއުތަކެއް އަމިއްްލަ ފަރާތްތަކަށް އެވޯޑްކޮށްފައިވާއިރު ތެލުގެ އަގާއެކު ދުނިޔޭގެ ބާޒާރުގައި ކޮންސްޓްރަކްޝަން މެޓީރިއަލަށް އަންނަ ބަދަލު މި މަޝްރޫއުތަކުގެ އަގަށް ކުރާނެ އެވެ. އެހެންވެ މި ބޮޑުވާ ބޮޑުވުން ކޮންމެވެސް ގޮތަކަށް ކޮންޓްރެކްޓްތަކަށް ގެންނަން ޖެހޭނެ އެވެ. މިއީ ސަރުކާރުގެ ޕީއައެސްއައިޕީ ހޭދަވެސް މަތިވެގެންދާނެ ކަމެވެ.

މިހާރުގެ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރި ގޮތަށް ބަލާނަމަ ސާފު ނުކުރާ ތެޔޮ ފީފާއެއް ހުރީ 155 ޑޮލަރުގަ އެވެ. މިއީ ވޭތުވެދިޔަ 12 އަހަރު ދުވަހަށް ބަލާނަމަ ވެސް ނިސްބަތުން ތެލުގެ އަގު މަތިވުމެކެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވަމުން ދާވަރަކަށް ރާއްޖޭގައި ވެސް ތެލުގެ އަގު މިދަނީ މަތިވަމުންނެވެ. މިހާރު ރާއްޖޭގައި ޕެޓްރޯލް ލިޓަރެއް ވިއްކާނީ 14.60ރ. އަށެވެ. އަދި ޑީސަލް ލިޓަރެއްގެ އަގު އުޅެނީ 14.80ރ. އެވެ. މި ބޮޑުވުމަކީ ނިސްބަތުން ބަލާނަމަ މި އަހަރު ފެށުނުއިރާ އަޅާ ކިޔާނަމަ 15 ޕަސެންޓަށްވުރެ ބޮޑުވުމެކެވެ.

މި ބޮޑުވުމުގެ ސަބަބުން ޓްރާންސްޕޯޓުގެ ހިދުމަތްތައް ފަދަ އަސާސީ ހިދުމަތްތަކުގެ އަގު މަތި ކުރަން މަޖުބޫރުވާނެ އެވެ. މިހާރުގެ އަންދާޒާއަކީ ދުނިޔޭގައި ތެލުގެ އަގު ފީފާއެއް 150 ޑޮލަރަށް އެރުމެވެ. މި ވަރަށް ތެޔޮ މަތިވެއްޖެނަމަ ރާއްޖޭގައި ތެޔޮ ލީޓަރެއްގެ އަގު 16ރ. އާއި 17ރ. ވަރަށް އުފުލުމުގެ ފުރުސަތު އެބައޮތް ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ. މިއީ އިގްތިސޯދީ ގޮތުން ބަލާނަމަ "ބޮޑު ތަދެއްގެ" ގެ ފެށުމެވެ.

ރާއްޖޭގައި ސްޕީޑް ލޯންޗުގެ ހިދުމަތްދޭ ކުންފުންޏެއް ކަމަށްވާ ނަސްރު ސްޕީޑުން ވާހަކަ ދެއްކި ހުސެއިން ފާއިގު ވިދާޅުވި ގޮތުގައި ތެލުގެ އަގު މިހާރު މަތިވަމުންދާ ގޮތަށްދާނަމަ ޓިކެޓުގެ އަގު މަތި ކުރަން މަޖުބޫރުވާނެ އެވެ.

"ޓިކެޓުގެ އަގަށް ބަދަލު ގެންނަން މިދަނީ ވާހަކަ ދައްކަމުން. ހަމަ ގައިމުވެސް މިވަރަށް މަތިވަމުންދާނަމަ އަގު ބަދަލު ކުރަން ޖެހޭނެ،" ތޮއްޑޫ- މާލެ، 250ރ. އަށް އަދި އަލިފުށި-މާލެ ޓިކެޓު 600ރ. އަށް ވިއްކާ ކުންފުނިން ވާހަކަ ދެއްކެވި ފާރިގު ވިދާޅުވި އެވެ.

ދުނިޔޭގައި ބޮޑުވަމުންދާ ތެލުގެ އަގާއެކު މުދަލުގެ އަގުވެސް ދުނިޔޭގެ ބާޒާރުގައި މަތިވާތަން ކުރިއަށްއޮތް ތަނުގައި ފެންނާނެ އެވެ. ހަމަ ގައިމުވެސް މި ބޮޑުވާ ކޮންމެ ބޮޑުވުމަކީ "ގާދޫކޮލުން" ރާއްޖެ އެތެރެވާނެ އެއްޗެކެވެ. މި އަގު އަހަރެމެންގެ ޖީބުތަކާ ހަމައަށް ފޯރާނެ އެވެ. އެހެންވެ މިހާރު ކުރަން ޖެހިފައިވާ ކަމަކީ ބޭކާރު އިސްރާފު ހަރަދު މަދުކޮށް ފަހަށް ރައްކާ ކުރުމެވެ. ދުނިޔެ ބަދަލުވަމުންދާ ގޮތް ބަލައި ތައްޔާރުވެ ތިބުމެވެ.