ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ތެލުގެ ޑިމާންޑް ދަށްވެ، ކުންފުނި ތަކަށް ގެއްލުން!

ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ އެއް ބާވަތަކީ ތެލެވެ. އަދި ރާއްޖޭގައި އެންމެ ގިނައިން ބޭނުން ކުރަނީ ވެސް ތެލެވެ. ނަމަވެސް ހާލަތު ބަދަލު ވެއްޖެ އެވެ. ކޮވިޑް-19 ގެ ބަލާ އާފާތާއެކު ދުނިޔެއަށް ކުރިމަތިވި ހީނަރުކަން ރާއްޖެއަށް ލައްވާލާފައި މިވަނީ "އިގްތިސާދީ ބޮޑު ތަދެއް" ގެ ގޮތުގަ އެވެ. ރާއްޖެ އަށް އެތެރެކުރާ ތެލުގެ ބޮޑު ބައެއް ރިސޯޓުތަކާއި ދަތުރު ފަތުރުގެ ހިދުމަތުން ބޭނުން ކުރިނަމަވެސް އެ ޑިމާންޑް ބޮޑުތަނުން ދަށް ވެއްޖެ އެވެ. މަސްވެރިން މަހަށް ފުރުން މަދުކޮށްފި އެވެ.ޓްރާންސްޕޯޓް ސެކްޓާގެ ދަތުރުތައް ގާތްގަނޑަކަށް ހުއްޓިއްޖެ އެވެ. ކޮރޯނާ ވައިރަސްގެ ބިރާއެކު ސަރުކާރު ބަންދުކޮށް "ސެލްފް ލޮކްޑައުން" އަކަށް އައުމާއެކު ރާއްޖޭގެ އެންމެ އާބާދީ ބޮޑު މާލޭގައި އުޅަނދު ފަހަރު ދުއްވުން މަދުވެ، ތެލުގެ ޑިމާންޑް ދަށް ވެއްޖެ އެވެ. ނަތީޖާއަކީ ތެޔޮ ވިއްކާ ކުންފުނި ތަކަށް މިހާރުގެ ހާލަތުން ގެއްލުމެއް ވާން ފެށުމެވެ.

"މި މަހުގެ 13 ވަނަ ދުވަހު ގަތް ތެޔޮ އަދި ވެސް އެބަހުރި ނުވިކި. މިހާރު ތެޔޮ ގަންނަނީ މަދުން. މިހެން ހުއްޓަ ތެލުގެ ހެޔޮވީމަ ގާތްގަނޑަކަށް 400،000ރ. ގެ ގެއްލުމެއް އަޅުގަނޑުމެންނަށް ވެއްޖެ. ކުރާނެ ކަމެއް ނޭނގިގެން މި އުޅެނީ،" ހދ. އަތޮޅުގައި ތެލުގެ ވިޔަފާރި ކުރާ އެތުމާ ޓްރޭޑިންގެ ވެރިޔާ، އަބްދުﷲ ވިދާޅުވި އެވެ.

ތެލުގެ އަގު އަވަސް އަވަހަށް ބަދަލުވެ، ޑިމާންޑް ދަށްވުމުގެ ސަބަބުން ހަމައެކަނި ގެއްލުން ވަނީ ކުދި ކުންފުނި ތަކަށް ނޫނެވެ. ރާއްޖެ އަށް ތެޔޮ އެތެރެކުރާ ބޮޑެތި ކުންފުނި ތަކަށް ވެސް މި ގެއްލުމާ ވަނީ ކުރިމަތިވެފަ އެވެ. ރާއްޖެ އަށް ގިނަ އަދަދަކަށް ތެޔޮ އެތެރެ ކުރާ ކުންފުންޏެއްގެ އިސް ވެރިއަކު ވިދާޅުވި ގޮތުގައި ތެލުގެ އަގަށް ބަދަލު އައިސް ޑިމާންޑް ދަށްވުމުގެ ސަބަބުން ބޮޑު ގެއްލުމެއް އެ ކުންފުންޏަށް ވެސް ވެފައިވާ ކަމަށެވެ.

"ތެލުގެ އަގު ހެޔޮވުމަކީ ރަނގަޅު ކަމެއް. އެކަމަކު ރާއްޖޭގައި މިހާރު ތެލު އަގަށް އައިސްފައިވާ މި ބަދަލާއެކު ބޮޑު ގެއްލުމެއް އަޅުގަނޑުމެންނަށް ވަމުން ދޭ. އަޅުގަނޑުމެންނަކީ ރާއްޖޭގެ ގިނަ ކުދި ކުންފުނި ތަކަށް ތެޔޮ ވިއްކާ ބައެއް. މިހާރު ޓޫރިޒަމާއި ލޯކަލް ކޮންސަމްޝަން ވެސް ދަށްވުމުގެ ސަބަބުން 60 ޕަސެންޓް ދަށްވެފައިވޭ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ރާއްޖޭގެ ރިސޯޓުތަކާއި ސަފާރީ ތަކަށް ތެޔޮ އަޅާ ފިއުލް އެކްސްޕްރެސް ކުންފުނީގެ ވެރިޔާ މުހައްމަދު ޝިހާބު ވިދާޅުވި ގޮތުގައި އެ ކުންފުންޏަށް ވެސް މިހާތަނަށް 45 ޕަސެންޓުގެ ގެއްލުމެއް ވެފައިވާ ކަމަށެވެ. އަދި ކުރިއަށް ލަފާ ކުރަނީވެސް ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހަތް އަހަރު ތެރޭ، ރެކޯޑް ހެޔޮވުމެއް

ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯގެ ހިސާބުތައް ދައްކާ ގޮތުގައި 2018 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ތެލުގެ އަގު ހުރީ ލިޓަރެއް 11.99ރ. ގަ އެވެ. މިދިޔަ އަހަރު ނިމުނު އިރު އެވްރެޖު ގޮތެއްގައި ޑީސަލް ލިޓަރެއް އުޅެނީ 12ރ. އާއި ލާރި ކޮޅަކަށެވެ. ނަމަވެސް މިހާރު ޑީސަލް ލިޓަރެއްގެ އަގު ރާއްޖޭގައި މިވަނީ 8.71ރ އަށް ހެޔޮވެފަ އެވެ. ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުން އެސްޓީއޯ އިން ދިވެހިންނާ ހަމައަށް ގެނެސް ދިނުމަކީ ރައްޔިތުންނަށް ލިބުނު ބޮޑު ލުޔެކެވެ. ނަމަވެސް އެހެން ކުންފުނިތަކަށް މިކަމުން ގެއްލުންވެ އެވެ.

ތެޔޮ އެތެރެކުރާ، ކުންފުންޏެއްގެ ވެރިއަކު ވިދާޅުވި ގޮތުގައި އެ ކުންފުންޏަށް ގެއްލުންވި ނަމަވެސް ކަސްޓަމަރުންނަށް ގެއްލުމެއް ނުވާނެ ގޮތަކެއް ބަލަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ކުދި ކުންފުނި ތަކަށް ވަމުންދާ ގެއްލުން ކުޑަ ކުރެވޭނެ ގޮތެއް ވޭ ތޯ. ރާއްޖޭގެ އެކި ރަށްރަށުގައި ކުދި ކުންފުނި ތަކެއް މިކަމުގައި [ތެޔޮ ވިއްކުމުގައި] އުޅޭ. މިހާރުގެ ހާލަތުން އަޅުގަނޑަށް ލަފާ ކުރެވެނީ ތެޔޮ ސަޕްލައި ކުރާ ކުންފުނިތަކުގެ ބޮޑު ބައެއްގެ މިކަމުން ބަނގުރޫޓު ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގައި 18 އަހަރުތެެރޭ ބޮޑު ދަށްވުމެއް

ކޮވިޑުގެ ސަބަބުން ދުނިޔޭގެ އެކި މާރުކޭޓުތަކުގައި ތެލުގެ އަގު މިހާރު ހުރީ 21 ޑޮލަރާއި 29 ޑޮލަރާ ދެމެދުގެ އަގެއްގަ އެވެ. މިއީވޭތުވެދިޔަ 18 އަހަރު ތެރޭގައި ތެލުގެ އަގު ނުއްވެއްޓޭ މިންވަރެކެވެ. ތެލުގެ އަގު ވެއްޓުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގައި ދަތުރުފަތުރު ހުއްޓުމާއި އިގްތިސާދީ ހަރަކާތް މަދުވެ ތެޔޮ ބޭނުން ކުރާ އަދަދު ދަށްވުމެވެ.

ތެލުގެ އަގު ހެޔޮވުން އިގްތިސާދަށް ހެވެއް

ގިނަ ހިދުމަތްތައް ގުޅިފައިވަނީ ތެލާ އެވެ. ތެޔޮ ބޭނުން ކުރާ އަދަދު މަދުވުމުން ރާއްޖޭގެ އިމްޕޯޓް ދަށްވުމުގެ ހާލަތު މިހާރު މިވަނީ ކުރިމަތިވެފަ އެވެ. މީގެ ސަބަބުން އިގްތިސާދުގައި ޑޮލަރު ހިފެހެއްޓުން އިތުރުވެ އެވެ. ތެލުގެ އަގު ދަށްވުމަކީ މުދަލާއި ހިދުމަތުގެ އަގު ހެޔޮ ކުރަން ބާރަކަށް ވާނެ އެވެ. ސަރުކާރުން ތެލުގެ އަގު ހެޔޮކޮށްފައި މިވަނީ ކަރަންޓު ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓް ހެޔޮ ކުރުމަށެވެ.

ތެލުގެ އަގު ހެޔޮވުން ގައިމު ވެސް މިއީ އިގްތިސާދަށް ލިބުނު ހެވެކެވެ. އެކަމަކު މިކަން ވެގެން ދަނީ ގިނަ އަދަދަކަށް ތެޔޮ ގަނެފައިވާ ކުންފުނި ތަކަށް ލިބޭނެ ބޮޑު ގެއްލުމަކަށެވެ. ހާއްސަކޮށް ރަށްރަށުގައި ތިބި ތެލުގެ ވިޔަފާރިތަކަށް ފޫބައްދަށް ދަތި ގެއްލުމަށެވެ.