ރިޕޯޓް

ތެލުގެ ހެޔޮ އަގާއެކު ބާޒާރުގެ އަގުތައް ވެސް ހެޔޮވާނެ!

"ރާއްޖޭގައި މައްޗަށް ދާ އެއްޗެއް ތިރިއެއް ނުވާނެ،" މިއީ އެންމެންގެ ތެރޭގައި ބޮޑު ޖޯކެކެވެ. މިއީ ޖޯކަކަށް ވިއަސް މީގައި ހަގީގަތް ތަކެއް ވެސް ނެތެކޭ ބުނާކަށް ނުކެރޭނެ އެވެ. ރާއްޖޭގައި އާއްމު ގޮތެއްގައި ކަންތައް ވަނީވެސް ހަމަ މިހެންނެވެ. އަގު މައްޗަށް ދާ އެއްޗެއް ތިރި އެއް ނުވެ އެވެ. ތެލުގެ އަގު ބޮޑު ވެގެން އެއްޗެއްގެ އަގު ބޮޑުވުމަކީ ވެދާނެ ކަމެކެވެ. އެކަމަކު ތެޔޮ ހެޔޮ ކުރުމުން އޭގެ އަގު ހެޔޮވާން ވެސް ޖެހޭނެތާ އެވެ؟ މިއަދުގެ ހާލަތަށް ބަލާއިރު ބުނެވޭނީ މިވަގުތަކީ މުދަލާއި ހިދުމަތުގެއަގުތައް ހެޔޮ ކުރަން އެންމެ ރަނގަޅު އެއް ހާލަތު ކަމަށެވެ.

ދެން އުފެދޭ ސުވާލަކީ ތެލުގެ އަގު ހެޔޮވުމުން އެހެނިހެން ތަކެތީގެ އަގު ހެޔޮކުރަން ޖެހެނީ ކީއްވެހެއްޔެވެ؟ އެއް ސަބަބަކީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮ ނުވާ ވަރަށް އަގު ހެޔޮވެގެން ދިއުމެވެ. ތެލުން ނަގާ ޑިއުޓީ 10 ޕަސެންޓުން ފަސް ޕަސެންޓަށް ސަރުކާރުން ކުޑަކޮށްލުމާއެކު އެސްޓީއޯ އިން އިއްޔެ އިން ފެށިގެން މި ވަނީ ތެލުގެ އަގު ބޮޑުތަނުން ހެޔޮކޮށްފަ އެވެ. ތިރީގައި މި އޮތީ އެ ބަދަލުގެ ކުރު ހުލާސާ އެކެވެ.

ތެލުގެ އަގަށް ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި އައިސްފައިވާ ބަދަލަށް ބަލާއިރު، ދެހާސް ތޭރަ ވަނަ އަހަރު ރާއްޖޭގައި ޕެޓްރޯލް ލިޓަރެއް ވިއްކީ އެވުރެޖުކޮށް 16.80ރ. އަށެވެ. ނަމަވެސް މިހާރު ޕެޓްރޯލް ލިޓަރެއްގެ އަގު މިވަނީ 8.65ރ. އަށް ވެއްޓިފަ އެވެ.

އެސްޓީއޯ އިން ތެލުގެ އަގަށް ބަދަލު ގެނައުމާއެކު މިހާރު ޑީސަލް ލިޓަރެއް މިހާރު ވިއްކާނީ 8.44 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލިޓަރެއްގެ އަގު މިވަނީ 8.65ރ. އަށް ހެޔޮ ވެގެން ގޮސްފަ އެވެ.

ތެލަކީ ރާއްޖޭގައި ހަކަތަ އުފެއްދުމަށް މައިގަނޑު ގޮތެއްގައި ބޭނުންކުރާ މައި ވަސީލަތެވެ. މިދިޔަ އަހަރު އެކަނި ވެސް ރާއްޖެއަށް ހަތަރު ބިލިއަން ރުފިޔާގެ ތެޔޮ އެތެރެކޮށްފައިވެ އެވެ. އަދި ތެލަކީ ސަރުކާރަށް ބޮޑު އާމްދަނީއެއްވެސް ލިބޭ އެއް ވަސީލަތެވެ. ތެލުގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރުމާއެކު ސަރުކާރަށް ލިބޭ ޑިއުޓީން 200 މިލިއަން ރުފިޔާ އުނިވެގެންދާނެ އެވެ. އެހެންކަމުން މި 200 މިލިއަން ރުފިޔާ ރައްޔިތުންނާ ހަމައަށް ގެނެސް ދިއުމަކީ ވިޔަފާރިވެރިންގެ ވެސް ޒިންމާ އެކެވެ.

މުދަލުގެ އަގު ހެޔޮ ކުރެވޭނެ

މުދަލުގެ އަގު ހެޔޮ ނުވުމުގެ ބަހަނާތަކުގެ ތެރޭގައި ޑޮލަރުގެ މައްސަލަ އާއި ކަރަންޓު ބިލް ބޮޑުވުމުގެ ޝަކުވާ ވިޔަފާރިވެރިން ކުރެ އެވެ. މިހާރުގެ ހާލަތަށް ބަލާއިރު ޑޮލަރު ހޯދަން އުނދަގޫ ނޫން ކަމަށް ބައެއް ވިޔަފާރިވެރިން ބުނެ އެވެ. އެހެންކަމުން ތެލުގެ އަގަށް ގެނެވުނު މި ބަދަލުގެ ފައިދާ ސީދާ މުދަލުގެ އަގުން ފެންނަން އެބަ ޖެހެ އެވެ.

ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ ލިލީ ކުންފުނީގެ ޗެއާމަން މައްލާ ނާބެ ވިދާޅުވީ ތެލުގެ އަގު ހެޔޮ ކުރުމުން އޭގެ ހެޔޮ ބަދަލުތައް ބާޒާރުގައި މުދަލުގެ އަގުން ވެސް ފެންނާނެ ކަމަށެވެ.

"ތެލުގެ ޑިއުޓީ ކުޑަ ކުރުމާއެކު ބާޒާރުގައި މުދަލުގެ އަގު ހެޔޮ ވެގެންދާނެ،" ނާބެ ވިދާޅުވި އެވެ.

ޓިކެޓާއި ނާލު އަދި ކުލި ހެޔޮވާނެ ތަ؟

ރާއްޖެއަކީ ދަތުރު ކުރުމުގައި ކަނޑު އުޅަނދުތައް ގިނަ އަދަދަކަށް ބޭނުންކުރާ ގައުމެކެވެ. ގިނަ އަދަދެއްގެ ބޯޓު ފަހަރާއި ސްޕީޑް ލޯންޗުތަކުގެ ހިދުމަތް ދެ އެވެ. އެހެންކަމުން ތެލުގެ އަގަށް މިއައި ހެޔޮ ބަދަލުގެ ފައިދާ ރައްޔިތުންނަށް ލިބެން ޖެހެ އެވެ.

އިގްތިސާދީ މާހިރަކު ވިދާޅުވި ގޮތުގައި ރާއްޖެއަކީ ތެލަށް ބަރޯސާ ވެފައިވާ ގައުމަކަށްވާއިރު މި ބަދަލުގެ ހެޔޮ ފައިދާ ނުލިބޭނަމަ މީގައި އެހެން މައްސަލަ ތަކެއް އެބަ އުޅެ އެވެ.

"މިދިޔަ އަހަރާއި މި އަހަރު ބެލިއަސް ތެޔޮ މިވަނީ އެތަށް ގުނައެއް ހެޔޮވެފަ. އެހެންވެ މީގެން ފައިދާ ފެންނާނެ. މިސާލަކަށް ތެލާއި ގުޅުން ނެތް ދާއިރާއެއް ނެތް. ޓޫރިޒަމްގައި ވެސް މުޅިންހެން މި ބޭނުންކުރަނީ ތެޔޮ. ރިސޯޓުތަކުގެ ބޮޑުބައި ހިނގަނީ ތެލުން. އެހެންވެ ތެޔޮ އަގު ހެޔޮވުމަކީ މުޅި ގައުމަށް ހެޔޮ ފައިދާ ކުރާނެ ކަމެއް،"

ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރާ ސްޕީޑް ލޯންޗު ފަހަރު ވެސް ދުއްވަނީ ޕެޓްރޯލް އަޅައިގެން ކަމަށްވާއިރު، މި އަގު ހެޔޮކުރުން ޓިކެޓުގެ އަގަށް ވެސް ލިބެން ޖެހެ އެވެ. އަދި ދޯނި ފަހަރާއި ބޯޓު ފަހަރަށް ނަގާ ނާލުން ވެސް އަގު ހެޔޮވުން އަންނަން ވާނެ އެވެ.

މަސްވެރިނަށް އުފާ

ދިވެހިންގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރަނީ މަސްވެރިކަމެވެ. ހާއްސަކޮށް ރަށްރަށުގެ އާއިލާތައް އޮތީ މަސްވެރިކަމުގެ މައްޗަށް ބަރޯސާ ވެފަ އެވެ. މިއާއެކު މަސްވެރިންގެ ސުވާލަކީ ތެލުގެ އަގަށް ގެނައި ހެޔޮ ބަދަލު މަސްވެރިޔާއާ ހަމައަށް ފޯރާނެ ބާ އެވެ؟ ކޮންމެ ދުވަހަކު އެތަށް މޭލެއް ބޭރަށް ދުއްވައިގެން މަސްވެރިކަން ކުރާ މަސްވެރިންނަށް ބޭނުންވަނީ މިކަމެވެ. އޮޑިވެރިޔާގެ ޖީބަށް ލުއިވުމަކީ ފަޅުވެރިޔާއަށް ފައިދާކުރާނެ ކަމަކަށްވާނެ އެވެ. އެސްޓީއޯއިން ބުނީ މަސްވެރިންނަށް ވަރަށް ހާއްސަ އަގެއްގައި އެ ކުންފުނިން ތެޔޮ ފޯރުކޮށްދޭނެ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ސްޓެލްކޯ އާއި މިފްކޯ އަދި ފެނަކައަށް ވަރަށް ހާއްސަ އަގެއްގައި ތެޔޮ ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

"ވަރަށް ހާއްސަ އަގެއް ދޭނަން. މި އަގުތަކަކީ ޕަބްލިޝް ކުރާ ރޭޓްތަކެއް ނޫން. ނަމަވެސް ހާއްސަ އަގެއް ދޭނެ،" ޝަހީރު ވިދާޅުވި އެވެ.

ތެލުގެ އަގަށް ގެނައި ހެޔޮ ބަދަލާއެކު ރައްޔިތުން މިހާރު ބަލަން ތިބީ އަގުތަކަށް އަންނާނެ ބަދަލަކާ މެދު އެވެ. ހަމަ ގައިމު ވެސް ތެލުގެ އަގު މިވަނީ ބޮޑުތަކުން ހެޔޮވެފަ އެވެ.