ތެލުގެ އަގު

ތެލުގެ އަގެއް ނެތުނީ ކީއްވެ، އޭގެ މާނައަކީ ކޮބާ؟

Apr 22, 2020
5

ކޮވިޑް-19 އިގެ ބަލާއާފާތް ދުނިޔެއަށް ކުރިމަތިވި ފަހުން، ކޮންމެ ދުވަހަކު ވެސް ތާރީހު ދަނީ އަލުން ލިޔެވެމުންނެވެ. ބިރުވެރިކަމާއި ނާމާން އަދަދުތަކާއެކު ރެކޯޑުތައް ދަނީ މުގުރެމުންނެވެ. މިދިޔަ ހޯމަ ދުވަސް ވެގެންގޮސްފައި ވަނީ އެ ސިލްސިލާގައި އިތުރުވެގެން ދިއަ ބޮޅަކަށެވެ. ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުންދާ ބޮޑެތި ލޮޅުންތަކާއެކު، އެމެރިކާގައި ތެލުގެ އަގު މައިނަސްވީ އެވެ. ހޯމަ ދުވަހު އެމެރިކާގައި ތެޔޮ ފީފާއެއްގެ އަގު މައިނަސް ސާޅީހަށް ވުރެ ތިރިއަށް ވެއްޓިގެން ގޮސް، އެންމެ ފަހުން މައިތިރިވީ މައިނަސް ތިރީހުގެ ތެރޭގަ އެވެ.

އެމެރިކާ އެކަންޏެއް ނޫނެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ތެލުގެ އަގު ދަނީ ވެއްޓެމުންނެވެ. ދުނިޔޭގައި އަބަދުވެސް އެންމެ ޑިމާންޑު ބޮޑު އަދި ދުނިޔޭގެ ތާރީހުގައި ގިނަ ހަނގުރާމަތަކެއްގައި ފޮރުވިފައިވާ ސަބަބެއްގެ ގޮތުގައި އޮންނަނީ ތެޔޮ ކަމަށް ވާއިރު، އޭގެ އަގު އެހާ ބޮޑަށް ވެއްޓި، ތެޔޮ އުފައްދާ ކުންފުނިތަކުން ގަންނަ ފަރާތްތަކަށް ފައިސާދީގެން ތެލުގެ ސްޓޮކް މަދުކުރަން މެދުވެރިވީ ކީއްވެގެން ހެއްޔެވެ؟ އަދި އެކަމުގެ އަސަރު އަހަރެމެންފަދަ އާއްމުންގެ ދިރިއުޅުމަށް ކުރާނީ ކޮން މިންވަރަކަށް އަދި ކޮން ގޮތަކަށް ހެއްޔެވެ؟

ތެލުގެ އަގު މައިނަސްވީ ކީއްވެ؟

މީ ސުވާލުގެ އެންމެ ފަސޭހަ ޖަވާބަކީ "އޯވާސަޕްލައި" އެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ، ތެލަށް އޮންނަ ޑިމާންޑަށްވުރެ ސަޕްލައި އިތުރުވީ އެވެ. އެމެރިކާގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކުގައި، ތެޔޮ ރައްކާ ކުރެވޭނެ ގޮތެއް ނެތުނީ އެވެ. ރައްކާކުރަން ކުއްޔަށް ހިފި ޓޭންކުތައް ވެސް ވަނީ ފުރިފަ އެވެ.

ތެޔޮ ފީފާއެއްގެ އަގު މައިންސްވުމުގެ މާނައަކީ، ތެޔޮ އުފައްދާ ކުންފުނިތަކުން ގަންނަ ފަރާތްތަކަށް ފައިސާދީގެން ތެލުގެ ސްޓޮކް މަދުކުރަން ވެސް ތައްޔާރަށް ތިބި ކަމެވެ.

ތެލުގެ ވިޔަފާރީގައި "އޮއިލް ފިއުޗާސް" އަކީ ކޯޗެއް؟

އެމެރިކާގައި ތެޔޮ ފީފާއެއްގެ އަގު ވަނީ މައިނަސް 37.63 އެމެރިކާ ޑޮލަރަށް ވެއްޓިފަ އެވެ. މިގޮތަށް ތެލުގެ އަގު މައިނަސްވެފައިވަނީ ތެލުގެ ވިޔަފާރި އާއްމުކޮށް ކުރާ ގޮތުންނެވެ.

ތެލުގެ ވިޔަފާރި އާއްމު އުސޫލުގެ ދަށުން ކުރަނީ މުސްތަގުބަލުގައި ތެލުގެ އަގު ހުންނާނެ އަންދާޒާއެއްގެ މައްޗަށެވެ. އެއީ އަންނަން އޮތް ތާރީހަކަށް ކުރަންޖެހޭ ތެލުގެ ޑެލިވަރީއަކަށް ސަޕްލަޔަރުންނާއި ގަންނަ ފަރާތްތަކާމެދު ދުރާލާވެވޭ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގައި އަގުވެސް އޮންނާނީ ދުރާލައި ކަނޑައެޅިފަ އެވެ.

އެގޮތުން، މެއި މަހުގެ ކޮންޓްރެކްޓުތައް އިއްޔެ ވަގުތެއްގައި ހަމަވިއިރު، ކުރިން ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް ތެޔޮ ގަންނަން އެއްބަސްވި ފަރާތްތަކުން އެމެރިކާގެ ތެޔޮ ގަންނަން ލާޒިމުވި ނަމަވެސް، ތެލުގެ އާ ސަޕްލައި ރައްކާކުރެވޭނެ ގޮތެއްނެތި ތެލުގެ ޓްރޭޑަރުން ވަނީ ވިޔަފާރި ހުއްޓާލައިފަ އެވެ. ތެލުގެ އަގު މައިނަސްވެގެން ދިޔައީ އޭގެ ސަބަބުންނެވެ.

ޖޫން މަހު ވެސް ވާނީ މިހެން؟

ޖޫން މަހު ތެލުގެ އަގު ވެއްޓިފައިވީ ނަމަވެސް، ފީފާއެއްގެ އަގު އަދި ހުރީ 20 އެމެރިކާ ޑޮލަރުގަ އެވެ. ނަމަވެސް، އެ ހިސާބަށްވެސް ދުނިޔޭގެ ގިނަ ހިސާބުތަކެއްގައި އަޅާފައިވާ ލޮކްޑައުން ދެމިއޮވެއްޖެނަމަ، ޖޫން މަހުގެ އަގުވެސް އިތުރަށް ވެއްޓިގެންދާނެކަމަށް ތަޖުރިބާކާރުން ވަނީ އިންޒާރުދީފަ އެވެ.

ތެލުގެ ސަޕްލައި މިހާބޮޑަށް އިތުރުވެގެން މިއުޅެނީ ކީއްވެ؟

މިއަހަރު ފެށުމުގެ ކުރިން ވެސް، ޑިމާންޑަށް ވުރެ ތެލުގެ ސަޕްލައި އޮތީ އިތުރަށެވެ. ނަމަވެސް، ކޮވިޑް-19އާއެކު ދުނިޔޭގެ ގިނަ ގައުމުތަކެއް ލޮކްޑައުންކުރުމާއެކު ދަތުރުފަތުރުގެ ނިޒާމު ހުއްޓިގެން ދިއުމާއެކު، ތެލަށް އޮންނަ ޑިމާންޑު ވަނީ އިންތިހާއަށް ދަށަށް ގޮސްފަ އެވެ. އެ ދަތިކަމުގެ ތެރެއިން އަރައިނުގަނެވިގެން އުޅެނިކޮށް، ސައުދީ އަރަބިއްޔާ އިން ވަނީ ތެލުގެ އަގުގެ ހަނގުރާމައެއް ފަށައިފަ އެވެ.

ސައުދީން އެގޮތަށް އަމަލުކުރީ ކީއްވެ؟

ދުނިޔޭގެ ތެޔޮ އުފައްދާ މައި ގައުމުތަކުގެ ޖަމިއްޔާ، އޯޕެކްގެ ލީޑަރަކީ ރަސްމީކޮށް ނޫން ނަމަވެސް ސައުދީ އެވެ. އެގޮތުން، ކޮވިޑް-19ގެ އަސަރު ތެލުގެ ވިޔަފާރިއަށް ކުޑަކުރުމަށްޓަކައި، އޯޕެކްގައި ނުހިމެނޭ ރަޝިއާގެ ކިބައިން ސައުދީ އެދުނީ، ތެޔޮ އުފައްދާ މިންވަރު ދަށްކޮށް، އަގު ހިފެހެއްޓުމަށެވެ. ނަމަވެސް، އެކަމަށް ރަޝިއާއިން ދެކޮޅު ހެދުމުން، ސައުދީން ވަނީ އެ ގައުމުން ވިއްކާ ތެލުން އަގު ތިރިކޮށް، ހިފެހެއްޓުމެއްނެތި ސަޕްލައި އިތުރުކޮށްފަ އެވެ.

އެއާއެކު، ތެލުގެ އަގު އިންތިހާއަށް ވެއްޓިގެން ދިއައީ އެވެ.

އަގު ދަށްވުމުގެ ގެއްލުން ސައުދީއަކަށް ނުވޭ؟

އަގު ވެއްޓިގެން ދިއުމުގެ ގެއްލުން ސައުދީއަށްވެސް ވާނެ އެވެ. އެހެނަސް، އެހެން ގައުމުތަކަށް ވުރެ ކުޑަކޮށެވެ. ސަބަބަކީ، ސައުދީގެ ކޮސްޓް އޮފް ޕްރޮޑަކްޝަން ނޫނީ ތެޔޮ އުފައްދަންދާ ހަރަދު އެހެން ގިނަ ގައުމުތަކާ އަޅާ ބަލާއިރު، ސައުދީގައި ކުޑަ އެވެ. އެކަމުގެ ފައިދާ ސައުދީން މީގެ ކުރިންވެސް ނަގާފައިވެ އެވެ.

ނަމަވެސް، ސައުދީއަށްވެސް ތެލުގެ އަގު މިހާ ބޮޑަށް ދަށުގައި އޮވެގެން މާ ގިނަ ދުވަހަކު ހިފަހައްޓައެއް ނުލެވޭނެ އެވެ.

އެންމެ ބޮޑަށް އަސަރު ކުރަނީ ކޮންމެ ގައުމުތަކަކަށް؟

ތެލުގެ ވިޔަފާރިން ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރާ ގިނަ ގައުމުތަކަކަށް ދަނީ މިކަމުގެ އަސަރު ކުރަމުންނެވެ. އެމެރިކާގައި ތެލުގެ ކޮސްޓް އޮފް ޕްރޮޑަކްޝަން ބޮޑުއިރު، ގިނަ ކުންފުނިތަކަށް ވަނީ އަގުތައް ދަށްވުމާއެކު، ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

އެމެރިކާގައި ތެޔޮ އުފައްދާ ކުންފުނިތަކަށް ހަމައެކަނި ހަރަދުތައް ހަމަޖެއްސެނީ ތެޔޮ ފީފާއެއް 46 - 54 އެމެރިކާ ޑޮލަރުގެ ދެމެދުގެ އަގެއްގައި ވިއްކައިގެނެވެ. މި މައްސަލަ ހައްލުކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހުން އިސްނެންގެވީވެސް، އެ ކުންފުނިތައް ބަނގުރޫޓުވެގެން ހިނގައިދާނެކަމުގެ ބިރު ހީވާން ފެށުމުންނެވެ.

ޓްރަމްޕްގެ އިސްނެންގެވުން ކާމިޔާބުވިތަ؟

ޓްރަމްޕަކީ ރަޝިއާގެ ރައީސް ވުލެޑެމިރު ޕޫޓިންގެ އިތުރުން ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ވަރަށް ގާތް ބޭފުޅެކެވެ. އެ ގާތް ގުޅުމުގެ ބޭނުން ހިއްޕަވައިގެން ޓްރަމްޕް ވަނީ ސައުދީ އަދި ރަޝިއާ ސުހްލަކުރެއްވުމުގެ މަސައްކަތެއް ކުރައްވައިފަ އެވެ. އެ މަސައްކަތުން ކޮންމެ ވަރެއްގެ ކުރިއެރުމެއް ލިބިގެންދިއަ އެވެ.

އަގުތައް އިންތިހާއަށް ދަށަށް ދިއުން ހައްލު ކުރުމަށް، ތެޔޮ އުފައްދާ މިންވަރު ކުޑަ ކުރުން އޯޕެކްގެ ގައުމުތަކުގެ މެދުގައި މިދިޔަ މަހު ވަނީ ތާރީހީ އެއްބަސްވުމަކަށް އައިސްފަ އެވެ.

އެގޮތުން، އޯޕެކް އަދި އޯޕެކް ޕްލަސްގެ ގައުމުތަކުގެ މެދުގައި އެއްބަސްވެފައި ވަނީ ތެޔޮ އުފައްދާ މިންވަރު 10 ޕަސެންޓް މަދު ކުރުމަށެވެ. މިއީ ފަހުގެ ތާރީހެއްގައި ތެޔޮ އުފައްދާ މިންވަރު އެހާ ބޮޑުތަނުން މަދު ކުރުމަށް ގައުމުތަކުން އެއްބަސްވި ފުރަތަމަ ފަހަރެވެ.

ނަމަވެސް، ތެޔޮ އުފައްދާ މިންވަރު ދުވާލަކު 9.7 މިލިއަން ފީފާ މަދުކުރަން އެއްބަސްވި ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ތެލުގެ ޑިމާންޑަށް ކޮށްފައިވާ އަސަރު އެއަށްވުރެ މާ ބޮޑެވެ. އަދި ތެޔޮ ރައްކާކުރުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ވަގުތު އަންނަނީ ކުޑަތަންވަމުންނެވެ.

ތެޔޮ ރައްކާކުރާ ޖާގަ ފުރޭނީ ކިހާ އަވަހަކަށް؟

ދާއިރާގެ ތަޖުރިބާކާރުން ލަފާ ކުރާ ގޮތުގައި، ހާއްސަ އެމެރިކާގައި ތެޔޮ ރައްކާކުރަން މިހާރު ގާއިމުކޮށްފައިވާ ވަސީލަތްތައް އަންނަ މަހުގެ ތެރޭގައި އެކީގައި ފުރޭނެ އެވެ.

މީގެ އަސަރު ކުރާނީ ކުންފިނަތަކަށް އެކަނިތަ؟

މި ސުވާލުގެ ވެސް އެންމެ އާދައިގެ ޖަވާބަކީ ނޫނެކެވެ. ތެޔޮ އުފައްދާ ކުންފިނިތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ އަސަރު އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ކުރާނެ އެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެމެރިކާގައި އެކަނި، ތެޔޮ އުފައްދާ ކުންފުނިތަކުގައި 156،000 އެއްހާ މުވައްޒަފުން މަސަައްކަތް ކުރެ އެވެ. އަދި އެއީ ތެލުގެ ވިޔަފާރީގެ ވަށައިގެން ވިޔަފާރިކުރާ އެހެން ކުންފުނިތައް ނުހިމަނަ އެވެ.

އެ ކުންފުނިތަކާއެކު މުޅި ސިނާއަތް ބަނގުރޫޓުވެއްޖެނަމަ، ޓެކްސް ފައިސާގެ ގޮތުގައި ލިބޭ އާމްދަނީ ދަށަށްދާނެ އެވެ. އެއާއެކު، އެކަމުގެ އަސަރު މުޅި އިގުތިސޯދަށް ކުރާނެ އެވެ.

ތެލުގެ އަގު މައިނަސްވީމާ، ހިލޭ ޕެޓްރޯލް ލިބޭނެ؟

ނޫނެކެވެ. ޕެޓްރޯލް ޝެޑުތަކުގައި ވިއްކާ ތެލުގެ އަގު ކަނޑައަޅަނީ ހަމައެކަނި ދުނިޔޭގެ ތެލުގެ އަގަކުން އެކަންޏެއް ނޫނެވެ. އޭގެ ތެރޭގައި، މާކެޓިން އަދި ސަޕްލައި އާއި އެކި ދައުލަތްތަކުން ނަގާ އެކި ޓެކްސްތައްވެސް ހިމެނެ އެވެ. އެހެންކަމުން، ސައިކަލާއި ކާރުތަކަށް އަޅާ ޕެޓްރޯލް އަދި ޑިސަލްގެ އަގު ދަށްވި ނަމަވެސް، ތެޔޮ ހިލޭ ލިބޭނެ ގޮތެއް ނޯންނާނެ އެވެ.