ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޕެސްޓް ދޫކޮށްލި މައްސަލަ އިސްތިއުނާފްކޮށްފި

Mar 2, 2022
1

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުއްޓާ ކޯޓުން ދޫކޮށްލި ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)، ދޫކޮށްލި މައްސަލަ އިސްތިއުނާފް ކޮށްފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕެސްޓް ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

"އެކަމަކު ހައިކޯޓުން އެ މައްސަލަ ބަލައިގަތުމާ މެދު އަދި ވަކި އެެއްޗެއް ނާންގާ،" އޮފިޝަލް ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، ޝަރީއަތް ހިނގަމުން ދަނިކޮށް ބޭސް ފަރުވާ އަށް ގޭބަންދަށް ޕެސްޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

ދަށު ކޯޓުން ޕެސްޓް ދޫކޮށްލީ ދައުލަތުން އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދަށު ކޯޓުން ކުރިން ނެރުނު އަމުރަށް ހައިކޯޓުން ތާއީދުވެސް ކޮށްފައި ވަނިކޮށެވެ.

ކްރިމިނަލް ކޯޓުގައި މިމަހުގެ 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމެއްގައި ބައެއް ކަންކަން މުރާޖައާކުރުމަށްފަހު ޕެސްޓަށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމަށްޓަކައި ދެ މަސް ދުވަހަށް އޭނާ ޖަލުން ދޫކޮށްލީ ޝަރުތުތަކަކާ އެކު އެވެ. ޕެސްޓް ދޫކޮށްލީ ދައުލަތުން ދެކޮޅު ހަދަމުން ދަނިކޮށެވެ.

ޕެސްޓުގެ މައްޗަށް މަސްތުވާތަކެއްޗާ ގުޅުންހުރި ފަސް ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި، ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއާއި، ކެނަބިސް ބޭނުން ކުރުމުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާ އެވެ.