ހަބަރު

ދެމަސް ތެރޭ މާލެއިން ހަލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް: ޕޮލިސް

ފާއިތުވި ދެމަސް ދުވަސް ތެރޭގައި 600،000 އަށް ވުރެއް ގިނަ ރުފިޔާ މަކަރާ ހީލަތުން ފޭރިގަނެފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ބޮޑެތި ކުންފުނީގެ ނަމުގައި ޕްރޮމޯޝަންތަކަށާއި އާސަންދަ އޮފީހުން ކަމަށްބުނެ ނުވަތަ އެހެނިހެން ގޮތްގޮތައް މީހުންގެ ބެންކް އެކައުންޓު ނަމްބަރުތައް ހޯދައި ފައިސާ ފޭރި ގަންނަ މައްސަލަތައް ދަނީ ދުވަހުން ދުވަހަށް އިންތިހާ އަށް އުތުރު ވަމުންނެވެ.

މިކަމާއި ގުޅިގެން ފުލުހުން މިއަދު ހާމަކުރި ތަފާތު ހިސާބުން ދައްކާ ގޮތުގައި މިއަހަރު ތެރޭގައި ނުދަންނަ ނަމްބަރުން ގުޅާގެން ފައިސާ ފޭރިގަނެފަ ހުރި 350 އަށްވުރެ ގިނަ މައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހެޅިފައި ވެއެވެ. އަދި ވޭތުވެދިޔަ ދެމަހަސް ތެރޭގައި 65 މައްސަލައެއް ހުށަހެޅިފައިވާ އިރު މިދެމަސް ތެރޭގައި ހަމައެކަނި މާލެއިން އެކަނިވެސް 600،000 އަށް ވުރެއް ގިނަ ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން އަތޮޅުތަކު ތެރޭގައިވެސް މިފަދަ އެތައް މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ނުދަންނަ ނަމްބަރުތަކުން ގުޅައިގެން ކިތަންމެ މޮޅު ވާހަކައެއް ދައްކައި ކިތަންމެ ގިނަ ޢަދަދަކުން ފައިސާ ދޭން ބުނިނަމަވެސް އެއަށް ނުހެއްލޭތި. އެއީ ހަމަ ތިމާއަށް ލިބޭ ބޮޑު ގެއްލުމެ. އެމީހުންގެ ފަރާތުން ފައިދާއެއް ވުމުގެ ބަދަލުގައި ތިބޭފުޅެއްގެ އެކައުންޓުގައި ރައްކާކޮށްފައިހުރި ފައިސާކޮޅު އެގޮތަށް ގުޅާ މީހުން ފޭރި ގަންނަނެ. އެކަމަށް ސަމާލުވެ ލައްވާ!" ފުލުހުން ބުންޏެވެ.

މަކަރާއި ހީލަތުން ބަޔަކު ފައިސާ ފޭރި ގަންނަމުން އަންނަ އިރު އެކަމަށް ރައްޔިތުން ހޭލުންތެރި ކުރުވުމައްޓަކައި ބޮޑެތި ކުންފުނި ތަކުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން އާސަންދަ އޮފީހާއި އޫރިދޫ އަދި ބެންކް އޮފް މޯލްޑިވްސް އިން އަންނަނީ ތަފާތު ގޮތް ގޮތަށް މިފަދަ ކަން ކަން ހުއްޓުވުމަށް މެސެޖުތައް ފޯރުކޮށްދެމުންނެވެ.