ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ދޫނި ތަކެއް މަރާލި މައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލު ހިމެނޭ ރިޕޯޓެއް ހަދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެންގެވި އެންގެވުމާއި އެއްގޮތަށް އެ ރިޕޯޓް ތައްޔާރުކޮށް ރައީސް އޮފީހަށް ފޮނުވައިފި އެވެ.
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ދޫނި ތަކެއް މަރާލި މައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލު ހިމެނޭ ރިޕޯޓެއް ހެދުމަށް ފަހު ހުށައެޅުއްވުމަށް މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާއަށް ރައީސް ސޯލިހް އަންގަވާފައިވަނީ ފެބްރުއަރީ ނުވަވަނަ ދުވަހު އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ ރިޕޯޓްގެ މަސައްކަތް ނިންމާ ރައީސް އޮފީހަށް ފޮނުވާފައިވާ ކަަމަށެވެ. އަދި ރިޕޯޓާއި ގުޅިގެން ހާމަކުރަން ޖެހޭ މައުލޫމާތުތައް ހާމަކުރާނީ އެ އޮފީހުން ކަމަށެވެ. އެހެން ކަމުން އެ މިނިސްޓްރީން ތައްޔާރުކުރި ރިޕޯޓްގެ އެއްވެސް ތަފްސީލެއް ނުދެއެވެ.
ދޫނިތައް ރާއްޖެ އެތެރެކޮށްފައިވަނީ އެ މަސައްކަތް ކުރާ ޕެޓްމާސް ކިޔާ ކުންފުންޏަކުންނެވެ. ދޫނިތައް ނައްތާލާފައިވަނީ އެއާޕޯޓުން ދޫނިތައް ހިފަހައްޓާފައިވާ މައްސަލަ ސިވިލް ކޯޓާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. އެ މައްސަލަ އާންމުންގެ ސަމާލު ކަމަށް އައިސް ބޮޑު މައްސަލައަކަށް އެކަން ވަނީ ވެފައެވެ.
ދޫނިތައް މަރާލީ ބަންޑާރަނައިބް ދެއްވި ގާނޫނީ ލަފާގެ މަތިން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. ނަމަވެސް އޭޖީން ވަނީ އެކަން ދޮގުކޮށްފައެވެ. ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި ދޫނި ތަކެއް މަރާލުމުގެ ބަދަލުގައި ފޮނުވާލެވެން އޮތް ކަމަށާއި ލަފާ ދީފައިވާނީ ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ކަމަށް ބަންޑާރަނައިބްގެ އޮފީހުން ވަނީ ބުނެފައެވެ.