ހަބަރު

ހއ. އިން ފެށިގެން ލ. އަތޮޅުގެ ކަނޑުފަޅުތައް ދިރާސާކޮށް ނިންމައިފި

ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން ކުރިއަށް ގެންދާ ކަނޑުފަޅުތައް ދިރާސާކުރުމުގެ ފުރަތަމަ ބުރު ނިންމާލައިފި އެވެ. -- ފުރަތަމަ ބުރުގައި ދިރާސާ ކުރީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ކަނޑުގެ ސަރަހައްދެވެ.

މި ސާވޭ އަކީ ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގާ ދުރު ރާސްތާ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ ސާވޭ އެކެވެ.

ރާއްޖެއާއި ބޭރުގެ އަށް ގައުމެއްގެ ސައިންޓިސްޓުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި ސާވޭގައި ސާމްޕަލް ނެގުމުގައި 3ޑީ އިމޭޖިން، އީޑީއެންއޭ ސާންޕަލިން، މަހާއި އެހެނިހެން ދިރުންތައް ބެލުމާއި ފެނުއަޑީގެ ވީޑިއޯ ސިސްޓަމް ބޭނުން ކޮށްގެން ފެނުގެ ފެންވަރު ބެލުން ފަދަ ކަންކަން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ސާވޭގެ ފުރަތަމަ ބުރުގައި ވަނީ ފަރުތަކުގެ ދިރުންތަކާއި މަހުގެ އާބާދީއާ މޫދުގެ ފެނުގެ ހާލަތު ފަދަ މައުލޫމާތުތައް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ އަތޮޅުތަކުން އެއްކޮށްފަ އެވެ. އެ ގޮތުން އެ އަތޮޅުތަކުގައި 978 ސައިންޓިފިކް ޑައިވް ނިންމައި، 690 ގަޑިއިރުގެ ފެނުއަޑީގެ ވީޑިއޯ ވަނީ ނަގައިފަ އެވެ.

48 ފަރެއްގެ ތްރީޑީ ފޮޓޯ ނަގާފައިވާއިރު، މަހުގެ 330 ބާވަތެއް ވަނީ ދެނެގަނެފަ އެވެ. އޭގެ ތެރެއިން 80 ބާވަތެއްގެ މަހަކީ ދުނިޔެއިން ނެތި ހިނގާދާނެ ކަމުގެ ބިރު ހީވެފައިވާ މަސްތަކުގެ ރެޑް ލިސްޓުގައި އައިޔޫސީއެން އިން ހިމަނާފައިވާ މަސްމަހެވެ. މި ސާވޭގައި 274،004 މަސް ގުނާފައިވާއިރު، ފަރުގެ ދިރުންތައް ދެނެގަތުމަށް 524 އީޑީއެންއޭ ސާންޕަލް ނަގާފައިވެ އެވެ.

ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންގެ މެންބަރުންގެ ތެރޭގައި ހިމެނޭ ވައިޓް އިންސްޓިޓިއުޓް، ނޭޝަނަލް ޖިއޯގްރެފިކް ޕްރިސްޓިން ސީސް އާއި ނެކްޓޮން ޑީޕް އޯޝަން އެކްސްޕްލޮރޭޝަންގެ އިތުރުން، ސްކްރިޕްސް އިންސްޓިޓިއުޓް އޮފް އޯޝަނޯގްރަފީ އާއި މިނިސްޓްރީ އޮފް ފިޝަރީޒްގެ ފަންނީ ބޭފުޅުންގެ އިތުރުން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް އަދި އައިޔޫސީއެން މޯލްޑިވްސްއާއި މޯލްޑިވްސް ކޮރަލް ރީފް އިންސްޓިޓިއުޓްގެ ސައިންސްވެރިންނާއި ފަންނީ ތަޖުރިބާކާރުންނެވެ.

ސާވޭގެ ދެވަނަ ބުރު ކުރިޔަށް ގެދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މާރިޗު މަހުގަ އެވެ. އެ ބުރުގައި ދިރާސާ ކުރާނީ ހުވަދު އަތޮޅާއި އައްޑު އަތޮޅާއި ފުވައްމުލަކުގެ ކަނޑުގެ ސަރަހައްދެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މީގެ ގިނަ ސާވޭގެ މަސައްކަތްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މީގެ އެންމެ މުހިންމު އެއް ބޭނުމަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ކަނޑުފަޅުގެ މާޙައުލާއި، އެ މާޙައުލުގެ ދިރުންތަކަށް ބުރޫ ނާރާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއި އެކުގައިކަން ކަށަވަރު ކުރުމެވެ.