ދުނިޔެ

ރަޝިއާ - ޔުކްރޭން: މަޝްވާރާތަކުގެ ދެވަނަބުރު

ރަޝިއާ އާއި އުކްރޭން ސުލްހަވުމަށް ކުރެވޭ މަޝްވަރާގެ ދެވަނަބުރު މިއަދު ފަހުގެ ވަގުތެއްގައި އޮންނާނެ އެވެ.

ޔުކްރޭނާ ދިވެހިރާއްޖެއާ އުޅެނީ ތިންގަޑިއިރުގެ ތަފާތެވެ. އެހެންކަމުން މަޝްވަރާތައް މިހާރު އޮންނާނީ ފެށުމާ ގާތުގަ އެވެ.

ރަޝިއާގެ އަސްކަރިޔާއިން ޔުކްރޭނަށް ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކަށް ހަތްދުވަސްވާން އަންނައިރު، ހަނގުރާމަ ހުއްޓާލަން ދެކެވުނު ވާހަކަތަކުގެ ފުރަތަމަ ބުރު ކޮޅެއްގައި ނުޖެހި ވަނީ ނިމިވަ އެވެ.

ޔުކްރޭންގެ ރައީސް ލަޑިމިއާ ޒީލިއަންސްކީއަށް ލަފާއަރުވާ އެޑްވައިޒަރު، އޮލެސްކީ އެރެސްޓޮވިޗް ވިދާޅުވި ގޮތުން މަޝްވަރާގެ ދެވަނަ ބުރުގައި ވެސް ބައިވެެރިވާނީ ފުރަތަމަ ބުރުގައި ބައިވެރިވި ވަފުދެ އެވެ.

އޭނާ ވިދާޅުވި ގޮތުން މަޝްވަރާގެ ދެވަނަ ބުރު ވެސް އޮންނާނީ ބެލަރޫސްގެ ބޯޑަރުގައި، ހަމަ ކުރިން ވެސް މަޝްވަރާ ކުރެވުނު ތަނުގަ އެވެ.

މަޝްވަރާގެ ފުރަތަމަ ބުރު ފަަސްގަޑިއިރަށް ދިގު ދެމިގެން ދިއަ އެވެ. އެހެން ނަމަވެސް، ދެވަނަ ބުރެއް ބޭއްވުމަށް އެއްބަސްވުން ފިޔަފައި އިތުރު އެއްވެސް ކަމަކަށް އެއްބަހެއް ނުވެވުނެވެ.

ޔުކްރޭނަށް ރަޝިއާގެ އަސްކަރިއްޔާއިން ދެމުން ގެންދާ ހަމަލާތައް މުޅި ދުނިޔެ ކުށްވެެރިކުރެ އެވެ. ރަޝިއާ މައިތިރި ކުރުމަށް އިގުތިސޯދީ ގޮތުން ހަރުކަށި ފިޔަވަޅުތައް ގައުމުތަނުން ވަނީ އަޅާފަ އެވެ.

ރަޝިއާ ބުނާ ގޮތުން އެމެރިކާ އާއި ހުޅަނގުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރަޝިއާ އޮތީ ހޭނިފަ އެވެ. ކުރު މުއްދަތެއްގައި އުނދަގޫތަކެއް ތަޖުރިބާކުރަން ޖެހުނު ނަމަވެސް، ދަތިތަކުން އަރައިގަންނަހާ ހިއްވަރު ހުރި ކަމަށް ރަޝިއާ ބުނެ އެެވެ.