ފްލޯޓިން ސިޓީ

ފްލޯޓިން އައިލެންޑުން ކުލި ނެގޭނެ ގޮތް ކަނޑައަޅައިފި

Mar 3, 2022
1

ޓޫރިޒަމް ބޭނުމަށް ތަރައްގީ ކުރާ "ފްލޯޓިން އައިލެންޑުން" ކުލި ނެގޭނެ ގޮތް ކަނޑައަޅައިފި އެވެ.

"މޯލްޑިވްސް ފްލޯޓިން ސިޓީ" ގެ ނަމުގައި 5،000 ގޭގެ އިތުރުން ޓޫރިޒަމް ބޭނުމަށް ބައެއް ހިމެނޭ ގޮތަށް މަޝްރޫއެއް ފަށަން ތައްޔާރުވެފައި ވަނިކޮށް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ "ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށްދޭ ރަށްރަށާއި ފަޅުފަޅާއި ބިން ބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު" ގެޒެޓުކޮށް ފްލޯޓިން އައިލެންޑުން ކުލި ނެގޭނެ އުސޫލެއް ކަނޑައަޅާފަ އެވެ.

މި އުސޫލުގައިވާ ގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުތަކުގައި އިމާރާތް ކުރުމުގެ ބޭނުމަށް މޫދުގެ ލޮނުގަނޑުގެ މަތީގައި އުފުލޭގޮތަށް ތައްޔާރުކުރާ ރަށްތަކުގެ (ފްލޯޓިން އައިލެންޑްސް) ނުވަތަ ޕްލެޓްފޯމްތަކުގެ ސަރަހައްދު ވެސް ހިމެނޭނީ، ފަޅުގެ ލޭންޑް އޭރިއާގެ ގޮތުގަ އެވެ.

އެގޮތުން، ލޭންޑް އޭރިއާ ހިސާބުކުރާނީ، އެ ފަދަ ރަށްތަކާއި ޕްލެޓްފޯމްތައް ކަނޑުގެ ލޮނުގަނޑުގައި ބީހޭ ހިސާބުގެ މައްޗަށް ބިނާކޮށް ކަމަށް ބުނެފައިވެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިއުލާނުކުރި ޑަޗް ޑޮކްލޭންޑް މަޝްރޫއުގެ ދަށުން 5000 ޕްލޯޓިންގެ އަޅަން މިހާރު ވަނީ ބައިސަން ކުންފުންޏާ ހަވާލުކޮށްފަ އެވެ. މި މަޝްރޫއުގައި އާއްމު ގެތަކުގެ އިތުރުން ޓޫރިޒަމަށް ވިޔަފާރި އުސޫލުން ދޫކުރާ ބިންތަކެއްވެސް ހިމެނެ އެވެ.