ރާއްޖޭގައި ޑަޗް ޑޮކްލޭންޑު ކުންފުނިން ހަދާ "މޯލްޑިވްސް ފްލޯޓިން ސިޓީ" އަކީ ދުނިޔޭގައި ވެސް މިގޮތަށް ހަދާ ފުރަތަމަ ސިޓީ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަޝްރޫއެއްގެ ގޮތުގައި ފަށަން ތައްޔާރުކޮށް އްޓިފައިވާ މި މަޝްރޫއު އަލުން ފެށުމުގެ ގޮތުން އިއްޔެ ވަނީ ޓޫރިޒަމް މިނިސްޓްރީގައި އިވެންޓެއް ބާއްވާފަ އެވެ. އެ އިވެންޓުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން ރައީސް މުހައްމަދު ނަޝީދާއި މަޝްރޫއު ހިންގާ ޑަޗް ޑޮކްލޭންޑް ކުންފުނީގެ ސީއީއޯ ޕައުލް އެހްޓީއެމް ވެން ޑަ ކޭމްޕްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި މާފަންނު އުތުުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވެސް ބައިވެރިވެ ވަޑައިގަތެވެ.
ރައްޔިތުން މަޖިލީހުގެ ޖަލްސާ މިއަދު ފައްޓަވައި ދެއްވަމުން ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފްލޯޓިން ސިޓީއަކީ އަލަަށް ދުނިޔޭގެ ގައުމެއްގައި ކުރާ މަސައްކަތެއް ކަމަށެވެ.
"މިއީ އެ ބާވަތުގެ އެހެން މަސައްކަތެއް ނެތް މަސައްކަތެއް. މޫސުމަށް އަންނަ ބަދަލާއި މި ބާވަތުގެ އެކި ކަންތައްތަކާ ބިން މަދުވުމުގެ މައްސަލަ ތަކަށް ހުށަހެޅޭ ޓެކްނޮލޮޖީއެއް. މި މަސައްކަތް ފެށޭކަމީ އަޅުގަނޑުމެންގެ އެންމެންނަށް ވެސް ލިބޭ ފަހުރެއް،" ނަޝީދު ވިދާޅުވި އެވެ.
ފްލޯޓިން ސިޓީ މަޝްރޫއު ސެޕްޓެމްބަރު މަހު ފަށަން ދަނީ ތައްޔާރު ވަމުންނެވެ. މޯލްޑިވްސް ފްލޯޓިން ސިޓީ ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއު ހިންގަން ފެށުމުގެ ގޮތުން ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏެއް ދީފަ އެވެ. މި މަޝްރޫއު ހިންގަނީ ސަރުކާރާއި ޑަޗް ޑޮކްލޭންޑް ކުންފުނި ގުޅިގެންނެވެ.