ވިޔަފާރި

ބިލިއަނެއްހާ ޑޮލަރުގެ ފްލޯޓިން ސިޓީ މަޝްރޫއު ލޯންޗްކޮށްފި

ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރުގެ މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއު ލޯންޗްކޮށް، ސެޕްޓެމްބަރު މަހު އަމަލީ މަސައްކަތް ފަށަން ތައްޔާރު ވެއްޖެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޮލެންޑުގެ ޑަޗް ޑޮކްލޭންޑް ކުންފުނިން ލޯންޗު ކުރި މި މަޝްރޫއުގެ މަސައްކަތް އަލުން ފަށަން ވަނީ މިއަދު އޮފިޝަލް ލޯންޗިން އިވެންޓެއް ބާއްވާފަ އެވެ. އެ އިވެންޓުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން ރައީސް މުހައްމަދު ނަޝީދާއި މަޝްރޫއު ހިންގާ ޑަޗް ޑޮކްލޭންޑް ކުންފުނީގެ ސީއީއޯ ޕައުލް އެހްޓީއެމް ވެން ޑަ ކޭމްޕްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި މާފަންނު އުތުުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވެސް ބައިވެރިވެ ވަޑައިގަތެވެ.

"މޯލްޑިވްސް ފްލޯޓިން ސިޓީ" ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއު ހިންގަން ފެށުމުގެ ގޮތުން ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏެއް ދީފަ އެވެ. މި މަޝްރޫއު ހިންގަނީ ސަރުކާރާއި ޑަޗް ޑޮކްލޭންޑް ކުންފުނި ގުޅިގެންނެވެ.

މި މަޝްރޫއުގެ ރާއްޖޭގެ ކޮންސެލްޓެންޓް މުހައްމަދު ރިޔާޒު އަވަސް އަށް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ފެން މަތީގައި އޮންނަ ގޮތަށް ތިމާވެއްޓާ ރަހުމަތްތެރި ސިޓީއެއް ހަދާނެ ކަމަށެވެ. މި ސިޓީން 5،000 ގޯތި ދޭއިރު މި ސިޓީގެ ކައިރީގައި ޔޮޓު މެރީނާ އަކާއި ފަސްތަރީގެ ދެ ރިސޯޓު ވެސް އޮންނާނެ ކަމަށެވެ.

"މި މަޝްރޫއުގެ މަގުސަދަކީ ރާއްޖޭގައި ގެ އަޅާ ގޮތް ބަދަލުކޮށް ތިމާވެއްޓާ ރަހުމަތްތެރިކޮށް މިކަން ކުރުން. ފްލޯޓިން ސިޓީ މަޝްރޫއަކީ ޑަޗް ޑޮކްލޭންޑުން ކާމިޔާބު ކަމާއެކު ދުނިޔޭގައި ކުރިއަށް ގެންދާ މަސައްކަތެއް. މި މަޝްރޫއުގެ ދަށުން ހަދާ ރަށުގައި ބޭނުން ކުރާނީ ތިމާވެއްޓާ ރަހުމަތްތެރި އުޅަނދު ފަހަރު،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަޝްރޫއުގެ ދަށުން އަޅާ 5،000 ގޯއްޗަކީ މިޑުލް ރޭންޖުގެ ތަންތަން ކަމަށެވެ. މި ތަންތަނުގެ އަގުތައް ވެސް ހުންނާނީ ހުޅުމާލޭގައި މިޑުލް ރޭންޖުގެ ހައުސިން ހުންނަ އަގުތަކަށް ވުރެ ބޮޑު ނުވާނެ އަގުތަކެއްގައި ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"ގޯތިތައް ހުންނާނީ 1،000 އަކަފޫޓާއި 1،500 އަކަފޫޓުގެ. ރަށު ތެރޭގައިވެސް އޮންނާނީ ދޮންވެެލި ލާފަ، ހިތްގައި މާހައުލެއް އޮންނާނީ،" ރިޔާޒު ވިދާޅުވި އެވެ.