ވިޔަފާރި

ރާއްޖޭގައި ފްލޯޓިން އައިލެންޑު ހަދަން އަނެއްކާ ވެސް ސޮއިކޮށްފި

May 9, 2019
7

ހޮލެންޑުގެ ކުންފުންޏެއް ކަމަށްވާ ޑަޗް ޑޮކްލޭންޑްސް އިން ރާއްޖޭގައި ފްލޯޓިން އައިލެންޑު މަޝްރޫއު ހިންގަން، އަނެއްކާ ވެސް ސޮއިކޮށްފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ވެސް ހަމަ މި މަޝްރޫއުގައި ސޮއިކުރި އެވެ. އެފަހަރު ފްލޯޓިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަރައްގީކުރުމަށް މާލެ އަތޮޅުގެ ފަސް ފަޅެއް 50 އަހަރަށް ދިވެހި ސަރުކާރާއި ޑަޗް ޑޮކްލޭންޑް ހިއްސާވާ ކުންފުންޏަކަށް ދިނުމުގެ އެއްބަސްވި އެވެ. އެ އެއްބަސްވުމުގައި އޭރުގެ ސޮއި ކުރެއްވީ ނަޝީދު ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހަންމަދު ރަޝީދެވެ.

އެ މަޝްރޫއަށއްވީ ގޮތް ނޭންގި ދިއުމަށްފަހު ހަމަ އެ މަޝްރޫއު މިކުންފުންޏާއެކު ރާއްޖޭގައި ފަށާ ކަމަށް އޯގަސްޓް 17، 2015 ގައި އިނގިރޭސި ވިލާތުގެ ނޫހަކުން ވެސް އިއުލާން ކުރި އެވެ. އެކަމަކު ދިވެހި ސަރުކާރުން އޭރު އެއްވެސް ވާހަކައެއް ބުނެފައެއް ނުވެއެވެ.

މި މަޝްރޫއު އަލުން ތިލަވެ ދެވަނަ ފަހަރަށް ސޮއި ކޮށްފައިވަނީ މިދިއަ ބުރާސްފަތި ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސޯލިހެވެ.

މި ރަސްމިއްޔާތުގައި ހޮލެންޑުން ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވެސް ބައިވެރިވަޑައި ގަތެވެ. އަދި ހޮލެންޑުގެ ސަފީރު ވަނީ ރައީސް މުހައްމަދު ނަސީދުއާއެކު ނަންގަވާފައިވާ ފޮޓޯއެއް ޓުވީޓް ކުރައްވާފަ އެވެ.

ނަމަވެސް ޑަޗްޑޮކްލޭންޑް މަޝްރޫއާ ބެހޭ ގޮތުން އިތުރުން ތަފުސީލެއް ޓޫރިޒަމް މިނިސްޓްރީން އަދި އާއްމުކޮށްފައެއް ނުކުރެ އެވެ.

ޑަޗްޑޮކްލެންޑް މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ފްލޯޓިން އައިލެންޑް މަޝްރޫއުގެ ދަށުން ހަދަނީ ފެންމަތީގައި ފްލޯޓުކޮށް ހުންނަ ރަށް ތަކެކެވެ. މި ވައްތަރު ރަށްތައް މިހާރުވެސް ބައެއް ގައުމުތަކުގައި ހަދާފައިވެ އެވެ.