ފްލޯޓިން ސިޓީ

ފްލޯޓިން ސިޓީއަށް ދިން ފަސް ފަޅުގެ ތެރެއިން ދެ ފަޅު ވިއްކާލައިފި

Jun 22, 2022
7

މާލެ ކައިރީގައި ހޮލެންޑުގެ ޑޮކްލޭންޑް އިންޓަނޭޝަނަލް އިން އަޅަން ނިންމި "ފްލޯޓިން ސިޓީ" އެޅުމަށް ދީފައިވާ ފަސް ފަޅުގެ ތެރެއިން ދެ ފަޅު ވިއްކާލާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމެއްގެ ދަށުން 2011 ވަނަ އަހަރުން ފެށިގެން ރާވަމުން ދިޔަ މަޝްރޫއު މި ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަކަަށް ރައްދު ދެއްވަމުން އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި މި މަޝްރޫ އަކީ ބޮޑު އޮޅުވާލުމެވެ.

މި މަޝްރޫއު ހިންގާތީ އެ ކުންފުންޏަށް ދޫކުރި ފަސް ފަޅުގެ ތެރެއިން ދެ ފަޅު ބޮޑު އަގުގައި މިހާރު ވިއްކާލާފައިވާ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައިވެސް ހުންނެވި ފައްޔާޒު ވިދާޅުވެފައިވާ ގޮތުގައި މި ފަޅުތައް ވިއްކާލުމުގެ އިތުރުން، އިތުރު ހަ ރަށެއް ހިއްކުމަށް ފަހު އެ ތަންތަން ވެސް ވިއްކާލަން ދަނީ މަސައްކަތް ކުރަމުންނެވެ.

ފްލޯޓިން ސިޓީ މަޝްރޫއު ހިންގަން އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ 2011 ގައެވެ.

މި މަޝްރޫއު ހިންގަން ދޫކޮށްފައިވަނީ 7 އާއި 9 އަދި 19، 17 އަދި 37 ނަމްބަރު ފަޅެވެ. މި ފަޅުތަކުގެ ތެރެއިން އެކުއެޒިޝަން ކޮސްޓް ދައްކާފައިވަނީ 17 ނަންބަރު ފަޅަށް އެކަންޏަށެވެ.

ރައީސް ނަޝީދުގެ ވެރިކަމަށްފަހު އައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އެކި ދުވަސްވަރު ވެސް ފްލޯޓިން ސިޓީގެ ވާހަކަ ދުނިޔޭގެ ސަމާލު ކަމަށް އައިސްފައިވެ އެވެ. އެގޮތުން ވެރިކަން ބަދަލުވުމާ ގުޅިގެން ޑަޗް ޑޮކްލެންޑުން ވަނީ 9، އޮގަސްޓް 2016 ގައި އެކުއަ ބްލޫ އިންވެސްޓްމަންޓަށް ފަޅުތައް ބަދަލުކޮށްފަ އެވެ. މި ފަޅު ބަދަލުކުރީ 300،000 ޑޮލަރަށެވެ. އަދި އިތުރު ފަޅެއް ވިއްކާލަން މާރަށް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކަށް 16.5 މިލިއަން ޔޫރޯ އަށް ފަޅުތައް ބަދަލުކޮށްފައިވެ އެވެ.

ރައީސް މުހައްމަދު ނަޝީދާއި ފާއްޔާޒާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައި މިވަނީ ޑަޗް ޑޮކްލޭންޑްސް ކުންފުނިން މާލެ އަތޮޅުގައި ހިންގަން ފެށި މަޝްރޫއު މި ސަރުކާރުން ހުއްޓުވި ކަމަށް ނަޝީދު ވިދާޅުވުމުންނެވެ.

މިމަޝްރޫއުގައި ހިމެނެނީ ރިސޯޓަކާއި އާއްމުންނަށް ބޯހިޔާވަހިކަން ދޭގޮތަށް ހިންގާ ސޯޝަލް ހައުސިން މަޝްރޫއެކެވެ. ނަމަވެސް މިގޮތަށް ރިސޯޓު ފަޅެއްގެ ވަކި ބައެއްގައި އާއްމު ބޯހިޔާވަހިކަން ހިންގަން ޓޫރިޒަމް ގާނޫނު ތަން ނުދޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.