މޯލްޑިވްސް ފްލޯޓިން ސިޓީގެ މަސައްކަތް ދިވެހި ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އިސް ބޭފުޅުން ތިއްބަވާ ވަޓްސްއަޕް ގުރޫޕްގައި ރައީސް ނަޝީދު ވިދާޅުވީ އެ މަޝްރޫއު ހުއްޓުވީ އެމަނިކުފާނުގެ ނަން އެ މަޝްރޫއުގައި ހިމެނޭތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ މަޝްރޫއާ ގުޅޭގޮތުން ވަޒީރުން ތިއްބަވާ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރެއްވުމަށްފަހު މަޝްރޫއު ހުއްޓުވީ އެކަމަށް ވޯޓެއް ނަގައިގެން ކަމަށާއި މަޝްރޫއު ހުއްޓުވަން އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ވޯޓު ދެއްވި ކަމަށެވެ.
ސަރުކާރުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ އެއް ބިލިއަން ޑޮލަރުގެ ބޮޑު އިސްވެޓްމަންޓް ސަރުކާރުން ހުއްޓުވި ކަމަށް ތުހުމަތުކުރައްވާ ނަޝީދު ވިދާޅުވީ އެގޮތަށް އަމަލުކުރުން އެއީ "ބޮޑުވަރު" ކަމަށެވެ.
މޯލްޑިވްސް ފްލޯޓިން ސިޓީގެ ނަމުގައި ކުރިއަށްދާ މަޝްރޫއަކީ ދިވެހި ސަރުކާރާއި ނެދަލޭންޑްސްގެ ޑޮކްލޭންޑް އިންޓަނޭޝަނަލް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ފްލޯޓިން ސިޓީގެ މަސައްކަތް ކުރެވޭނެ އެއްވެސް ގޮތެއް ދައްކާފައި ނުވާތީ އެމަނިކުފާނު މިހާރު ގަސްދުކުރައްވަނީ އެ މަޝްރޫއަކީ ރާއްޖޭގައި ކުރިއަށް ނުގެންދެވޭނެ މަޝްރޫއެއް ކަމަށް ޑަޗް ކުންފުންޏަށް ލަފާ އަރުވަން ކަމަށެވެ.
ފްލޯޓިން ސިޓީ މަޝްރޫއު ކުރިއަށް ނުދާނެ ކަމަށް ދޭހަވާ ގޮތަށް ރައީސް ނަޝީދު ވާހަކަދައްކަވާފައިވީ ނަމަވެސް އެ މަޝްރޫއުގެ ދަށުން އަޅާ 5،000 ފްލޯޓިން ގޭގެ ތެރެއިން ގެއެއް ހުންނާނެ ގޮތުގެ ނަމޫނާއެއް ހެދުމަށް ރާއްޖޭގެ ކުންފުންޏެއް ކަމަަށްވާ ބައިސަން ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ. ފްލޯޓިން ސިޓީން ކުލި ނެގޭނެ އުސޫލު ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އެކުލަވާލާފަ އެވެ.
މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ލޯންޗް ކުރީ މިދިޔަ އަހަރުގެ މާޗް 14 ވަނަ ދުވަހު އެވެ. މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ދީފަ އެވެ. މަޝްރޫއު ހިންގަނީ ސަރުކާރާއި ޑަޗް ޑޮކްލޭންޑް ކުންފުނި ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ.
ފެން މަތީގައި އޮންނަ، ތިމާވެއްޓާ ރަހުމަތްތެރި ސިޓީ ހަދަނީ 5،000 ގޯތި ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ބައިތަކެއް ވެސް ހިމަނައިގެންނެވެ. އެގޮތުން ޔޮޓު މެރީނާ އަކާއި ފަސްތަރީގެ ދެ ރިސޯޓު އަދި ކުދި ޕިކްނިކް އައިލެންޑްތައް ހެދުމަށް ހަމަޖެހިފައިވެ އެވެ. މީގެއިތުރުން ހޮސްޕިޓަލާއި، ސްކޫލާއި، ޝޮޕިންމޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ނިންމާފައިވެ އެެވެ.