މޯލްޑިވްސް ފްލޯޓިން ސިޓީއަށް ޖެހުނީ އަނބޮއްފުޅާ ދަނބޮއްފުޅަށް ޖެހުނު ދަތުރު ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމެއްގެ ދަށުން 2011 ވަނަ އަހަރުން ފެށިގެން ރާވަމުން ދިޔަ މަޝްރޫއު މި ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު މިއަދު ވަނީ ވާހަކަ ދައްކަވާފައެވެ. އޭގެ ފަހުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފްލޯޓިން ސިޓީއަށް ޖެހުނީ އަނބޮއްފުޅާ ދަނބޮއްފުޅަށް ޖެހުނު ދަތުރު ކަމަށެވެ.
"އަނބޮއްފުޅާ ދަނބޮއްފުޅު ގަހުގައި ތާށިވުމުން ގަސް ކަނޑާލަނުދިން މާވަޑި، މާވަޑި ފުރޯ ފަންވަރު ބާލަ ނުދިން ކަނބުރު، ކަނބުރު އުނދުނު ގިނި ނިވާލަ ނުދީން ވާރޭ.... މީދާ ހިފާ މަދުކޮށްދޭން ކެރޭނެހޭ ބުޅާ ބުނީ ހޭވައްލާ ތައްޔާރޭ. ޓަޗް ޑޮކްލޭންޑްސް އަށް ދިމާވި ދަތުރު،" ނަޝީދުގެ ޕޯސްޓްގަައި ވިދާޅުވިއެވެ.
އެމްޑީޕީގެ އިސް ބޭފުޅުން ތިއްބަވާ ވަޓްސްއަޕް ގުރޫޕްގައި ރައީސް ނަޝީދު ވިދާޅުވީ އެ މަޝްރޫއު ހުއްޓުވީ އެމަނިކުފާނުގެ ނަން އެ މަޝްރޫއުގައި ހިމެނޭތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ މަޝްރޫއާ ގުޅޭގޮތުން ވަޒީރުން ތިއްބަވާ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރެއްވުމަށްފަހު މަޝްރޫއު ހުއްޓުވީ އެކަމަށް ވޯޓެއް ނަގައިގެން ކަމަށާއި މަޝްރޫއު ހުއްޓުވަން އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ވޯޓު ދެއްވި ކަމަށެވެ.
ސަރުކާރުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ އެއް ބިލިއަން ޑޮލަރުގެ ބޮޑު އިސްވެޓްމަންޓް ސަރުކާރުން ހުއްޓުވި ކަމަށް ތުހުމަތުކުރައްވާ ނަޝީދު ވިދާޅުވީ އެގޮތަށް އަމަލުކުރުން އެއީ "ބޮޑުވަރު" ކަމަށެވެ.
މޯލްޑިވްސް ފްލޯޓިން ސިޓީގެ ނަމުގައި ކުރިއަށްދާ މަޝްރޫއަކީ ދިވެހި ސަރުކާރާއި ނެދަލޭންޑްސްގެ ޑޮކްލޭންޑް އިންޓަނޭޝަނަލް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ފްލޯޓިން ސިޓީގެ މަސައްކަތް ކުރެވޭނެ އެއްވެސް ގޮތެއް ދައްކާފައި ނުވާތީ އެމަނިކުފާނު މިހާރު ގަސްދުކުރައްވަނީ އެ މަޝްރޫއަކީ ރާއްޖޭގައި ކުރިއަށް ނުގެންދެވޭނެ މަޝްރޫއެއް ކަމަށް ޑަޗް ކުންފުންޏަށް ލަފާ އަރުވަން ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމެއްގެ ދަށުން 2011 ވަނަ އަހަރުން ފެށިގެން ރާވަމުން ދިޔަ މަޝްރޫއު މި ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަކަަށް ރައްދު ދެއްވަމުން އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި މި މަޝްރޫ އަކީ ބޮޑު އޮޅުވާލުމެވެ.
މި މަޝްރޫއު ހިންގާތީ އެ ކުންފުންޏަށް ދޫކުރި ފަސް ފަޅުގެ ތެރެއިން ދެ ފަޅު ބޮޑު އަގުގައި މިހާރު ވިއްކާލާފައިވާ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައިވެސް ހުންނެވި ފައްޔާޒު ވިދާޅުވެފައިވާ ގޮތުގައި މި ފަޅުތައް ވިއްކާލުމުގެ އިތުރުން، އިތުރު ހަ ރަށެއް ހިއްކުމަށް ފަހު އެ ތަންތަން ވެސް ވިއްކާލަން ދަނީ މަސައްކަތް ކުރަމުންނެވެ.