ވ. އަތޮޅުގައި ފެންމަތީގައި އޮންނަ ރިސޯޓެއް ނުވަތަ ފްލޯޓިން ރިސޯޓެއް އެޅުމަށްޓަކައި ބަޔަކާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
ފަތުރުވެރިކަން ބާރަށް ކުރިއަރަމުން އަންނަ ވ. އަތޮޅުގައި ފްލޯޓިން ރިސޯޓެއް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރީ އަތޮޅު ކައުންސިލާއި ބޭރުގެ ކުންފުންޏަކާއި ގުޅިފައިވާ ރާއްޖޭގެ ލެވިނީ ހޮޓެލްސް އެންޑް ރިސޯޓްސް ކުންފުނިންނެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ ބިޒްނަސް ރެޖިސްޓްރޭޝަނުން ހާމަވާ ގޮތުގައި މި ކުންފުނި އެންމެ ފުރަތަމަ ރަޖިސްޓަރީ ކުރީ މި އަހަރުގެ އޯގަސްޓް 16 ވަނަ ދުވަހު އެވެ.
މިމަޝްރޫއާ ގުޅޭ ގޮތުން "އަވަސް" އަށް މައުލޫމާތު ދެއްވަމުން ވ. އަތޮޅު ކައުންސިލްގެ ރައީސް ސުޖާއު އަލީ ވިދާޅުވީ މި މަޝްރޫއު ލެވިނީ ހޮޓެލްސް އެންޑް ރިސޯޓްސް އާއި ހަވާލުކުރީ އެއްވެސް އިއުލާނެއް ކޮށްގެން ނޫން ކަމަށެވެ.
"މި މަޝްރޫއު އަކީ ބޭރުގެ ކުންފުންޏެއްގެ ފަރާތުން އަޅުގަނޑުމެންނަށް އައި ޕްރޮޕޯސަލްއެއް. ފްލޯޓިން ރިސޯޓް އެޅުމުގެ ކަންކަން ކުރިއަށްދާނީ ވ. އަތޮޅު ކައުންސިލްއާ ލެވިނީއާ ގުޅިގެން ޖޮއިންޓް ވެންޗާއެއް ގޮތަށް" ސުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވ. އަތޮޅުގައި މިފަދަ ފްލޯޓިން ރިސޯޓެއް އެޅުމުގެ މަޝްވަރާތައް ޓޫރިޒަމް މިނިސްޓްރީއާއި ރައީސް އޮފީހާއި އެކު ކުރެވެމުން އަންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ. ސުޖާއު އިތުރަށް ވިދާޅުވީ މިފަދަ މަޝްރޫއެއްގެ މަޝްވަރާތައް ކުރެވެމުން ދަނިކޮށް ލިބުނު ޕްރޮޕޯސަލް އަކީ ނަފާ ލިބޭނެ މަޝްރޫއަކަށް ވާނެ ކަމުގެ ޔަގީންކަން އޮތުމާއި އެކު ފްލޯޓިން ރިސޯޓް އެޅުމުގެ މަޝްރޫއު ކުރިއަށް ގެންދަން ނިންމީ ކަމަށެވެ.
ކޮންމެ ކުންފުންޏަކަށްވެސް ރަށު ކައުންސިލްތަކަށް ޕްރޮޕޯސަލްތައް ހުށަހަޅައި ކައުންސިލްތަކާއި ގުޅިގެން ތަރައްގީގެ އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ހުއްދަ އޮންނަ ކަމަށާއި މިއީ ހުރިހާ ފަރާތްތަކަކަށް ހުޅުވިފައި އޮންނަ ފުރުސަތެއް ކަމުން މިމަޝްރޫއުގައި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމަށް ސުޖާއު ޔަގީންކޮށްދެއްވި އެވެ.
"ބޭރުގެ ބޭފުޅުން އަޅުގަނޑުމެންނަށް މި ޕްރޮޕޯސަލް ހުށަހެޅީ ވ. އަތޮޅަކީ ފަރުތައް ގިނަ ގުދުރަތީ ގޮތުން މިފަދަ ރިސޯޓެއް އެޅުމަށް ހުންނަންޖެހޭ ބައިވަރު ސިފަތަކެއް ލިބިފައިވާ ރައްކާތެރި ސަރަހައްދެއް ކަމަށް އެބޭފުޅުންނަށް ފެންނާތީ. އެހެންވީމާ މިއީ އަދި ކޮރަޕްޝަން ކަމަކު ނުބެލެވޭނެ ނޫންތޯ،" ސުޖާއު ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވި ގޮތުގައި ފްލޯޓިން ރިސޯޓްގެ މަސައްކަތް ގިނަ ވެގެން ތިން އަހަރުގެ ތެރޭގައި ނިންމާލެވޭނެ އެވެ. މި މަޝްރޫއުގެ ދަށުން 40 ވިލާ އެޅުމަށް ހަމަޖެހިފައިވެ އެވެ. އަދި ކޮންމެ ވިލާއަކަށް 1.3 މިލިއަނާއި 1.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
"މި މަޝްރޫއަށް ހިނގާ ހަރަދުގެ ހުރިހާ ކަމެއް ކުރާނީ ލެވިނީ ކުންފުނިން،" ސުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފްލޯޓިން ރިސޯޓް ހަދާނެ ސަރަހައްދެއް ކަނޑައަޅާނީ ދިރާސާތައް ކުރުމަށްފަހު ރަކީދޫ ކައިރީ ފަޅުތަކުގެ ތެރެއިން މިހާރު ރިސޯޓުތައް ހަދަމުންދާ ސަރަހައްދުތަކާއި ދުރު، ބައިބޯ ނޫން ސަރަހައްދެއްގަ އެވެ. ސުޖާއު ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން މުޅި ވ. އަތޮޅަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ.
"މިހާރު މި އަތޮޅުގައި ތިން ރިސޯޓެއް އޮންނަތާ އެތައް އަހަރެއް ވެއްޖެ. އެކަމަކު އެ ރިސޯޓުތަކުގެ ސަބަބުން މި އަތޮޅުގެ ރައްޔިތުންނަށް ވީ މާބޮޑު ފައިދާ އެއް އަޅުގަނޑުމެންނަކަށް ނުފެނޭ" ސުޖާއު ވިދާޅުވި އެވެ.
ވ އަތޮޅު ކައުންސިލްގެ އުއްމީދަކީ ފްލޯޓިން ރިސޯޓުގެ މަޝްރޫއާއި އެކު ވ. އަތޮޅަށް އަންނަ ފަތުރުވެރިންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދެވި ރައްޔިތުންނަށާއި އެހެނިހެން ވިޔަފާރިތަކަށްވެސް ކުރިއެރުން ލިބިގެން ދިއުމެވެ. އަދި އަތޮޅުގެ ކުރިއެރުމަށްޓަކައި ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ތަރައްގީގެ އިތުރު މަޝްރޫއުތައް ކުރިއަށް ގެންދިއުމެވެ.