ޓޫރިޒަމް

މިމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މި މަސް ފެށުނުއިރު ދަށުގައި ހުރުމަށްފަހު އިތުރުވާން ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ފުރަތަމަ ދެ ހަފުތާގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވެފަ އެވެ.

އެ ގޮތުން މި މަހުގެ ފުރަތަމަ ދެ ހަފުތާގައި ރާއްޖެއަށް 82،484 ފަތުރުވެރިން ޒިޔާރަތްކުރިއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 79،863 ފަތުރުވެރިންނަށްވުރެ 3.3 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެއަށް މިމަހުގެ ފުރަތަމަ 11 ދުވަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހުރީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެ ޕަސެންޓް ދަށުގަ އެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޖުމްލަ 1.9 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ 8.9 ޕަސެންޓް އިތުރު އަދަދެކެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ – 257،700
  • ރަޝިއާ – 212،600
  • އިނގިރޭސިވިލާތް – 168،400
  • ޖަރުމަނު – 148،400
  • އިޓަލީ – 129،500
  • އިންޑިއާ – 121،400
  • އެމެރިކާ – 64،900
  • ފްރާންސް – 50،300
  • ސްޕެއިން – 45،400
  • ސްވިޓްޒަލޭންޑް – 38،100

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް ޖުމްލަ 1،261 ތަނެއް ދަނީ ހިންގަމުންނެވެ.

މީގެ ތެރޭގައި 171 ރިސޯޓާއި 920 ގެސްޓްހައުސް އާއި 155 ސަފާރީ އަދި 15 ހޮޓާ ހިމެނެ އެވެ. މިތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 63،092 އެވެ.